ފަހުގެ ޚަބަރު


އިތުރަށް...

ލިޔުނީ: Unknown
ތަޢާރަފާއި މައްސަލަ:
މީގެ ދެތިން އަހަރެއްކުރިން އަހަރެން ގެންގުޅޭ ޔޫއެސްބީ އެކްޓަރނަލް ހާޑް ޑްރައިވް އެއް ސްކޫލެއްގައި ހުރި ކޮމްޕިއުޓަރ ސިސްޓަމަކަށް ޖެހިތަނުން، އޭގައިހުރި ހުރިހައި ފޯލްޑަރ ތަކެއް ޝޯޓްކަޓް އައިކަންސް ތަކަކަށް ބަދަލުވެ، އޭގައިހުރި އެއްވެސް ފައިލްއެއް ބޭނުންނުކުރެވޭގޮތް ވިއެވެ. ލިބުނު ހިތާމައެއްގެވާހަކަ ބުނަންވެސް ދަތިވިއެވެ. ޔޫއެސްބީ ހާޑްގައި ހުރި ހުރިހައި ސޮފްޓްވެއަރ ތަކާއި ތަޢުލީމީ ދާއިރާއާއި ގުޅުންހުރި ވީޑިއޯ، ވާރކްޝީޓް، ޕީޑީއެފް ފޮތްތަކާއި މިހެންގޮސް އޭގައި ހުރި ހުރިހައި އެއްޗެއް ބީވެގެން ދިޔަކަމުގެ އިޙްސާސް ކުރެވި މޮޅި ސާލެއް ލާން ޖެހުނެވެ.

ހައްލެއް ފެނޭތޯ މަސައްކަތްކުރުން:
މިޒާޖުގައި ހުންނަ ގޮތެއްގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. އެންމެ ތަންކޮޅެއްވެސް، އެންމެ ފުކެއްވެސް ދޫނުކޮށް މިޖެހުނު މުސީބާތެއްފަދަ ކަންތަކުން ސަލާމަތްވުމަށް ނިންމީމެވެ. އެންޓިވައިރަސް އޭ މިކިޔާ ފަންޑިތައަކުން މިޖެހުނު ބަލިމަޑުކަމަށް ޝިފާއެއް ނެތްކަން އެނގުނީ އެ ސްކޫލްގައި އުޅޭ އެތަކެއް މުދައްރިސުންނެއް ގެންގުޅުއްވާ ޔޫއެސްބީ ފްލޭޝް ޑްރައިވްތަކަށް އެ ސްކޫލްގައި ހުރި ކޮމްޕިއުޓަރުތަކުން މި ބަލިމަޑުކަން ޖެހިފައިވާކަން އެނގުނު ހިސާބުންނެވެ. އަދި އެ ބޭފުޅުން ވިދާޅުވިގޮތުން އެކަން އެއީ ހައްލުކުރެވޭނެ ކަމެއް ނޫނެވެ. އެއިޑްސްބަލި ފަދައިން އަދި މިހައިތަނަށް ޝިފާއެއް ހޯދިފައިނުވާ ބަލިމަޑުކަމެއްކަމަށް އެބޭފުޅުން ނިންމެވީތާއެވެ. އަޅުގަނޑު އެގޮތަށް ނިންމާކަށް ހިތަކަށް ނާރުވަމެވެ.

ގޫގްލް ސަރޗް ކުރުމަކީ ވަރަށްގިނަ ކަންކަމަށް ހައްލު ހޯދުމަށް އަހަރެން ބޭނުންކުރާ ވަޞީލަތެކެވެ. އެހެންކަމުން ރޭގަނޑު 9 ޖެހިއިރު މަސައްކަތްފެށީމެވެ. މަގޭ ލޯބިވާ ހާޑް ޑިސްކަށް ޖެހިފައިވާ ބައްޔަށް ޝިފާއެއް ހޯދުމަށެވެ. 11 ޖަހައި ބޮޑުވިފަހުން ހައްލު ހޯދިއްޖެއެވެ.

ހިއްސާކުރުން:
http://en.kioskea.net ނަމަކަށްކިޔާ މި ސައިޓްގައިވާ އާޓިކަލް ކިޔައިލުމަށްފަހު މަސައްކަތްފެށީ ހާޑް ޑިސްކް ރަނގަޅުކުރުމަށެވެ. އެންމެފަހުން ކާމިޔާބު ވެއްޖެއެވެ. ހިތާހިތާ ﷲ އަށް ޙަމްދުކުރީމެވެ. އެއަށްފަހު އަވަސްވެގަތީ މި ލިބުނު ޝިފާ ދިވެހިބަހުން ލިޔެލުމަށެވެ. 

ލިބުނު ޝިފާ ގިނަބަޔަކާއި ހިއްސާކުރުމަށް، އޭރު އަހަރެމެން ހިންގަމުންގެންދިޔަ www.laamuatoll.com ގައި ޝާއިޢު ކޮށްލީމެވެ. އޭގެ އަނެއްދުވަހު ސްކޫލަށްގޮސް އެތާނގެ މުވައްޒަފުންނަށް މި ލިބުނު މޮޅު ފަންޑިތަ ކިޔައިދިނީމެވެ. ގަނޑުކޮޅެއްގައި ފަންޑިތައިގައިވާ ދެތިންފޮޅުވަތް ލިޔެވެސްދިނީމެވެ.

ޔޫއެސްބީ ފްލޭޝް ޑްރައިވްގައި ހުރި ފޯލްޑަރތައް ޝޯޓްކަޓް އައިކަންސް އަށް ބަދަލުވުމުން އެކަން ހައްލުކުރާނެގޮތް:
އަނެއްކާވެސް މިދުވަސްވަރު ވަރަށްގިނަ ކޮމްޕިއުޓަރު ސިސްޓަމުތަކުން ކުރިން މިދެންނެވި ބަލިމަޑުކަންފެނި ޢާއްމުވާން ފަށައިފިއެވެ. މަދުމަދުން ދަންނަމީހުންނާއި ނުދަންނަ މީހުންވެސް އަޅުގަނޑަށް ގުޅައި، އެއްކަލަ ވެބްސައިޓްގެ މަޢުލޫމާތު އޮޅުންފިލުވާންފަށާއިފިއެވެ. އެހެންކަމުން މި ފުރުޞަތު އަނެއްކާވެސް މި ބޭނުންކޮށްލަނީ ޔޫއެސްބީ ފްލޭޝް ޑްރައިވްގައި ހުރި ފޯލްޑަރތައް ޝޯޓްކަޓް އައިކަންސް އަށް ބަދަލުވުމުން އެކަން ހައްލުކުރާނެގޮތް ހިއްސާކޮށްލުމަށެވެ.

ޔޫއެސްބީ ފްލޭޝް ޑްރައިވްގައި ހުރި ފޯލްޑަރތައް ޝޯޓްކަޓް އައިކަންސް އަށް ބަދަލުވިޔަސް ނަމަނަމަ ފްލޭޝް ޑްރައިވް ފޯމެޓް ނުކުރާށެވެ. ފޯމެޓް ނުކޮށް އަވަހަށް ޗެކްކޮށްލައްވަންވީ ފައިލްތައް ހުރީ 'ހިޑަން މޯޑް' (ފޮރުވިފައި) ތޯ ނުވަތަ ނޫންތޯއެވެ. އެއަށްފަހު އަންނަނިވި ފިޔަވަޅުތައް ފުރިހަމަކުރާށެވެ.

ފިޔަވަޅު: 1

ތިރީގައިވާ ލިންކަށް ފިއްތާލައިގެން 'އޮޓޯރަން އެކްސްޓަރމިނޭޓަރ' ތިބާގެ ކޮމްޕިއުޓަރ ސިސްޓަމަށް ޑައުންލޯޑްކޮށްލާށެވެ.

އެއަށްފަހު، އެ ފައިލް އެކްސްޓްރެކްޓްކޮށް -->  އޮޓޯރަން އެކްސްޓަރމިނޭޓަރއަށް ޑަބަލް ކްލިކްކޮށް --> މިވަގުތު ޔޫއެސްބީ ފްލޭޝް ޑްރައިވް ކޮމްޕިއުޓަރަށް ޖަހާށެވެ.

މިކަމުގެ ސަބަބުން ފްލޭޝް ޑްރައިވްގައިހުރި އޮޓޯރަން.އިންފޯ autorun.inf ފައިލްތައް ނައްތާލާނެއެވެ.

ފިޔަވަޅު: 2

ކޮމްޕިއުޓަރ ސިސްޓަމްގެ ސްޓަރޓް އަށް ފިއްތާލަށެވެ. އެއަށްފަހު ސްޓާޓް މެނޫގައި 'ރަން' Run ޖެހުމަށްފަހު ސްޓަރޓްމެނޫގެ މަތީގައި އިންނަ 'ރަން' އަށް ފިއްތާލާށެވެ. 'ރަން' ވިންޑޯ ހުޅުވުމުން އޭގައި ސީއެމްޑީ CMD ޖަހާށެވެ. އެއަށްފަހު އޯކޭ ބަޓަންއަށް ފިއްތާލާށެވެ. 
Click on "Start" -->Run --> type cmd and click on OK.
ސީއެމްޑީ ނުވަތަ ކޮމާންޑް ވިންޑޯ ހުޅުވުމުން ތިރީގައިވާ ލިޔުންކޮޅު ކޮޕީކޮށް ކޮމާންޑް ވިންޑޯގައި އަންނަނިވި ގޮތަށް ޓައިޕްކޮށްލާށެވެ.
ރަތްކުލައިން އެވާ އަކުރު (g) ބަދަލުކުރަން ހަނދާން ނައްޓާނުލާށެވެ. އެ އަކުރު ރަމްޒުކޮށްދެނީ ތިބާގެ ފްލޭޝް ޑްރައިވް އަށް ކޮމްޕިއުޓަރ ސިސްޓަމްގެ މައި ކޮމްޕިއުޓަރ ހުޅުވާލުމުން ދީފައިވާތަން ފެންނާން އިންނަ އަކުރެވެ. އެހެންކަމުން އެ އަކުރު ތިބާގެ ފްލޭޝް ޑްރައިވް އަށް ދެވިފައިވާ އަކުރަށް ބަދަލުކުރާންވާނެއެވެ.

މިހައިހިސާބުން ދެން ކުރާންވި ކަމަކީ "އެންޓަރ' ބަޓަން އަށް ފިއްތާލުމެވެ. އިރުކޮޅެއްވާންދެން މަޑުކޮށްލުމަށްފަހު ފްލޭޝް ޑްރައިވް ހުޅުވާބަލައިލާށެވެ. ފައިލްތަކާއި ފޯލްޑަރތައް ލިބެން ހުންނާނެއެވެ. 

ތާރީޚް: : Wednesday, October 30, 2013 [0] ކޮމެންޓްތައް ފާހަގަ: ,

ބޮލި ފޮންޓްގެ އުނދަގުލުން ސަލާމަތްވާން ބޭނުންތަ؟

ލިޔުނީ: Unknown
އަޅުގަނޑުމެންގެ ކޮންޕިއުޓަރުގައި ހުންނަ ފޮންޓްތަކުގެ ތެރެއިން ޑިފޯލްޓް ފޮންޓެއް ކަމަށްވާ 'އެމްވީ ބޮލި' ފޮންޓްގެ ސަބަބުން އުނދަގުލެއް ވޭހެއްޔެވެ. އެ ފޮންޓްގެ ސަބަބުން މައިކްރޯސޮފްޓް ވޯރޑްގައި ތާނަ ފޮންޓެއް ސެލެކްޓް ނުކޮށް ލިޔަންފެށުމުން އެއްކަލަ ބޮލަށް އުނދަގޫވާ ބޮލި ފޮންޓްގެ އުނދަގުލާއި ކުރިމަތިލާންޖެހުމީ ހަމަ ގައިމުވެސް ބޮލަށް އުނދަގޫވަނެ ކަމެކެވެ.

ކޮންޕިއުޓަރު ބޭނުންކޮށްގެން ދިވެހި ލިޔާއިރު ޑީފޯލްޓް ފޮންޓަކަށް ކޮންމެ ސިސްޓަމެއްގައިވެސް މިއިންނަނީ އެމްވީ ބޮލި ފޮންޓެވެ. އެހެންނަމަވެސް މިއީ އެކަށްވެސް އެހާ މަޤްބޫލު ފޮންޓަކަށް ނުވެއެވެ.

ބަލައިލަން ފަސޭހަ ރީތި ފޮންޓް ތަކުގެ ތެރޭގައި ޢާއްމުކޮށް ގިނަމީހުން ބޭނުން ކޮށްމިއުޅެނީ ފަރުމާ ފޮންޓާއި، ވަހީދު ފޮންޓާއި، މިފަދަ ފޮންޓްތަކެވެ. އެހެންވީމާ ކޮންމެ މީހަކުވެސް އެމީހެއްގެ ސިސްޓަމްގެ ޑީފޯލްޓް ފޮންޓެއްގެ ގޮތުގައި ގިނަޒަމާންތަކަކަށް ދެމިގެންދިޔަ ބޮލި ފޮންޓްގެ މަތިން ހަނދާން ނައްތާލުމަށްފަހު އޭގެ ބަދަލުގައި ރީތި އެހެން ފޮންޓެއް ޚިޔާރު ކުރައްވަންވީ ނޫންތޯއެވެ. އެއީ މިހާރު ވަރަށް ފަސޭހަކަމެކެވެ.

ޓެކްނޮލޮޖީގެ އައު ވިސްނުންތަކަށް އަބަދުވެސް ހިތްކިޔާ އެފަދަ ދިރާސާތައް ކުރަމުންދާ ކުދިންކޮޅެއް މިއަދުމިވަނީ އަޅުގަނޑުމެންނަށް މިފަސޭހަގޮތް ހޯދައިދީފައެވެ. އެކުދިންގެ އުފެއްދުން ތިބާގެ ކޮންޕިއުޓަރަށް އިންސްޓޯލް ކޮށްލާށެވެ. އޭރުން:

1-  އެމް އެސް ވޯޑް ޑޮކިޔުމެންޓްގައި ލިޔާއިރު ކޮންމެހެން ފޮންޓްބަދަލުކުރާށް ނުޖެހޭނެއެވެ.
2-  ފޭސްބުކު ފަދަ ސޯސިއަލް މީޑިއާގައި ހުންނަ ދިވެހި ލިޔުންތައްވެސް ތިބާއަށް ރީތިކޮށް ފަރުމާ ފޮންޓުން ނުވަތަ ވަހީދު ފޮންޓުން ފެންނާނެއެވެ.
3-  ޑީފޯލްޓް ފޮންޓެއްގެ ގޮތުގައި ތިބާގެ ސިސްޓަމްގައި އަބަދުވެސް ފަރުމާ ނުވަތަ ވަހީދު އިންނާނެވެ

ފޮންޓް ޑައުންލޯޑް ކުރުމަށް ތިރީގައިވާ ލިންކް ޚިޔާރުކުރާށެވެ. ތިބާ އިޚްތިޔާރުކުރާ ފޮންޓް ޑައުންލޯޑްކޮށް އިންސްޓޮލް ކޮށްލާށެވެ. އޭރުން 'ބޮލި ފޮންޓް' ރިޕްލޭސްކޮށް 'ފަރުމާ ފޮންޓް' ނުވަތަ 'ވަހީދު ފޮންޓް' ތިބާގެ ސިސްޓަމަށް އިންސްޓޯލްވާނެއެވެ.
ލިޔުނީ: Unknown
ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޙާލަތު ޕްރިންސިޕަލްގެ އަރިހުން ރައީސް ނަޝީދު މިމަހު 3 ވަނަ ދުވަހު އޮޅުންފިލުއްވަނީ
ގައުމެއްގެ ކުރިމަގު ކަމުގައިވާ އެގައުމެއްގެ ކިޔަވާކުދިންގެ ތައުލީމީ ފެންވަރު އަބަދު ވެސް ގުޅިފައި އޮންނަނީ އެކުދިންނަށް ކިޔަވައިދޭ މުދައްރިސުންގެ ފެންވަރުގެ މައްޗަށް ކަމަށް ވުމުން މުދައްރިސުންގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލް އަގްވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެޑިއުކޭޝަން މިނިސްޓަރު ނެރުއްވި ހިތާބެއްގައި ވިދާޅުވެފައި ވަނީ ހިދުމަތުގައި ތިއްބަވާ މުދައްރިސުންނަށް ޒަމާނާ އެއްގޮތަށް ތާޒާވުމާއި ތަމްރީން ހަލުވިކޮށް ދެވޭނެ އިންތިޒާމެއް ގާއިމުކުރުމަކީ ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

އަދި ޓީޗަރުންނަށް ތަމްރީނު ދިނުމަށް ގާއިމުކުރި އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން ޓީޗަރުންނަށް އެފަދަ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުން އަންނަ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ އާސިމް ވިދާޅުވިއެވެ

އޭގެ އިތުރަށް މުދައްރިސުން ކުރާ މަސައްކަތާ އެކަށީގެންވާ ރަނގަޅު އުޖޫރައެއް ކަނޑައަޅައި، އެމަސައްކަތުގެ އަގު ވަޒަންކުރުމާއި ހިދުމަތުގައި ދެމިތިބުމަށް ހިތްވަރު ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަކީ ކޮންމެހެން ކުރަން ޖެހޭ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވިއެވެ.
ލިޔުނީ: Unknown
ސަލާމަތް ބުއްދި ޤަބޫލުނުކުރާނެ ފުލޯކު ވާހަކަތައް ދިވެހިންގެ ތެރޭގައި ވެސް ކިޔައިއުޅެ އެވެ. އެއިން ބައެއް ވާހަކަތައް ކިޔައިއުޅެނީ، މާތްވެގެންވާ އިސްލާމްދީނާ ވެސް ގުޅުވާލައިގެންނެވެ. އެފަދަ ވާހަކަތަކާ ދެކޮޅަށް އެއްޗެއް ބުނުމަކީ، ދާދި ފަހަކާ ޖެހެންދެން ވެސް ފާޑަކަށް މަނާކުރެވިފައި އޮންނަ ކަމެކެވެ. އެހެނަސް މިހާރު މިވަނީ، އެދުވަސް ފާއިތުވެފަ އެވެ. ދިވެހިންގެ ހޭލުންތެރިކަމާއި ތަޢުލީމުޔާފުތާކަން ވެސް އިތުރުވެގެން ދިއުމާއެކުގަ އެވެ. މި މަޒުމޫނުގައި އަލިއަޅުވައިލާނީ، މިދެންނެވި ފަދަ ވާހަކަތަކުގެ ތެރެއިން ތިން ވާހަކައެއްގެ މައްޗަށެވެ. އެއީ، ރަންނަމާރި ވާހަކަ އާއި، ސަންތި މަރިޔަނބު ވާހަކަ އާއި، ސަފަރު ކަތްދަ ވާހަކަ އެވެ.

1. ރަންނަމާރި ވާހަކަ

ރަންނަމާރި ވާހަކަ ކިޔައިއުޅެނީ، ރާއްޖެ އިސްލާމްވި ހާދިސާއާ ގުޅުވައިގެންނެވެ. އެ ވާހަކަ ބުނާ ގޮތުގައި، ރާއްޖެ އިސްލާމްވުމަށް މެދުވެރިވި ސަބަބަކީ، މަޣުރިބު ކަރައިގެ ވަލީވެރިއަކު، އެ ރަންނަމާރީގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްކޮށްދެއްވުމެވެ. އެ ވަލީވެރިޔާ، އެ ރަންނަމާރި އަރާ ރޭ، އެއަށް ދޭން ޖެހޭ ބިކުރުވެރި އަންހެން ކުއްޖާގެ ބަދަލުގައި ބުދު ފައްޅިއެއްގައި އިން ކަމަށް އެ ވާހަކައިގައި ވެ އެވެ. އެ ވާހަކައިގެ މައްޗަށް ނަޒަރު ހިންގައިލާއިރު، އަދި އެ ޒަމާނުގައި ކަންތައްތައް އޮތްގޮތް ދިރާސާކޮށްލާއިރު، ވަރަށް ސާފުކޮށް އެ ވާހަކައިގެ ޙަޤީޤަތް އޮޅުންފިލަ އެވެ.

އާދޭހެވެ. އަންހެން ކުއްޖާއާ ޒިނޭކޮށް، އޭނާގެ ބިކުރު ކަނޑައި، އޭނާ މަރައިލާ ރަންނަމާރި އަކީ، އޭރު އުޅުނު ނުފޫޒު ގަދަ ދީނީ މީހުން ފިޔަވައި އެހެން އެއްވެސް ބަޔެއް ނޫނެވެ. ރަންނަމާރި ވާހަކަ ދިރާސާކުރާއިރު، އޭރު ވެސް މިރާއްޖޭގައި އުޅުނު ދީނީ މީހުން ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަން އެނގެ އެވެ. އޭރު ދިވެހިރާއްޖެ އިސްލާމްވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބު ކަމަށް ބެލެވެނީ ވެސް ދީނީ މީހުންގެ އެ އަނިޔާވެރިކަމުން، ރައްޔިތުން ސަލާމަތްކުރުމަށް ވެރިކަމުގެ ފަރާތުން ބޭނުންވެފައިވުމެވެ.

ޚުލާޞާކޮށް ބުނާނަމަ، ރަންނަމާރި އަކީ، އޭރު މާލޭގައި އުޅުނު ދީނީ މީހުންގެ ޒަޢީމެވެ. ނުވަތަ، ބުދު ފައްޅީގައި އިންނަ އަންހެން ކުއްޖާއާ ޒިނޭކުރުމަށްފަހު، އަންހެން ކުއްޖާ މަރާލުމަށްޓަކައި، ދީނީ މީހުންގެ ޒަޢީމުގެ ފޮނުވާ ދީނީ މީހެކެވެ.

މި ޙަޤީޤަތުގެ އަލީގައި ދަންނަވަން ޖެހެނީ، ރަންނަމާރި ވާހަކައަކީ، މި ރާއްޖެ އިސްލާމްވި ގޮތް ބުނެދިނުމަށްޓަކައި ކިޔައިއުޅެން ޖެހޭ ވަރަށްވުރެ މާ ދަށުދަރައިގެ ވާހަކައެއް ކަމަށެވެ. އަދި މި ރާއްޖެ އިސްލާމްވި ގޮތް ބުނެދިނުމަށްޓަކައި ރަންނަމާރި ވާހަކަ ކިޔައިއުޅުމަކީ، މާތްވެގެންވާ އިސްލާމްދީނަށް ކުރެވޭ ވަރަށް ބޮޑު ފުރައްސާރައެއް ކަމަށެވެ. އެހެންވީމާ، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ، މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރެވޭ މިފަދަ ވާހަކަތައް ކިޔައިއުޅުން ހުއްޓާލުމެވެ.

2. ސަންތި މަރިޔަނބު ވާހަކަ

މި ވާހަކައިގައި ކިޔައިއުޅެނީ، ސަންތި މަރިޔަނބަކީ، ބިރުވެރި ހަންޑިއެއް ކަމަށެވެ. ދިވެހި ބަހުގެ ރަދީފުގައި ވެސް ވަނީ، ސަންތި މަރިޔަނބަކީ، ކުޑަކުދިންނަށް ކިޔައިދޭ ވާހަކައެއްގައި އުޅޭ ހަންޑިއެއް ކަމަށެވެ. އަދި އެއީ ޚިޔާލީ އެއްޗެއް ކަމަށެވެ. ސަންތި މަރިޔަނބުގެ ވާހަކަ ކިޔައިދޭ ނާނަނާއެއްގައި ވެ އެވެ.

ސަންތި މަރިޔަނބު މީ އަރާރޭ، ގަންނަ ބިރުވޭ ހާދަހާއޭ،
ދަންވަރޭމީ އަނގަ ލަފާނދޭ، ދައްތަ ކޮއެފުޅު ނާނަނާނާ.

ސަންތި މަރިޔަނބު ވާހަކައިގެ ޙަޤީޤަތަށް ބަލާއިރު، އެއީ ސަލާމްލެއްވި ޢީސާގެފާނުގެ މަންމާފުޅު، ސަލާމްލެއްވި މަރްޔަމުގެފާނަށް ފުރައްސާރަކުރުމުގެ ގޮތުން ކިޔައިއުޅޭ ވާހަކައެއްކަން އެނގެ އެވެ. "ސަންތި" ގެ އަޞްލަކީ ސަލާމްލެއްވި މަރްޔަމުގެފާނުގެ ޠާހިރުކަމާއި، ޢިއްފަތްތެރިކަން ބަޔާންކޮށްދޭ ލަޤަބުފުޅެއް ކަމުގައިވާ "ސެއިންޓް" އެވެ. އެކަމަނާގެ ޢަރަބި ނަންފުޅު ކަމުގައިވާ "މަރްޔަމް" އެވަނީ، މަރިޔަނބަށް ބަދަލުވެފަ އެވެ. އެކަމަނާ ހަންޑިއަކަށް ހެދުމާ ގުޅިފައިވާ ޙަޤީޤަތެއް ވެސް ވެ އެވެ. އާދޭހެވެ. ޢީސާއީ ދީނުގައި، ސަލާމްލެއްވި މަރްޔަމުގެފާނަކީ، އެކިއެކި މުނާސަބަތުތަކުގައި ނޫރާނީ ރޫޙެއްގެ ސިފައިގައި ފާޅުވެވަޑައިގަންނަވާ ބޭކަނބަލެކެވެ. އެކަމަށް ފުރައްސާރަކުރުމުގެ ގޮތުން އެކަމަނާ އަކީ ހަންޑިއެއް ކަމަށް ވާހަކައިގައި ކިޔަނީ އެވެ. އަދި އެކަމަނާ އަށް ބޭ އިޙުތިރާމުކުރުމުގެ ގޮތުން، އެކަމަނާ އަކީ ރޭގަނޑު ދަންވަރު އައިސްއުޅޭ ބިރުވެރި ޖިންނިއެއް ކަމަށް ވެސް ވާހަކައިގައި ކިޔަނީ އެވެ.

މި ޙަޤީޤަތުގެ އަލީގައި ދަންނަވަން ޖެހެނީ، ސަންތި މަރިޔަނބު ވާހަކައަކީ، އަޅުގަނޑުމެންގެ ޅަދަރީންނަށް ކިޔައިދޭން ޖެހޭ ވަރަށްވުރެ މާ ދަށުދަރައިގެ ވާހަކައެއް ކަމަށެވެ. އަދި އެއީ، ސަލާމްލެއްވި ޢީސާގެފާނުގެ މަންމާފުޅު، ސަލާމްލެއްވި މަރްޔަމުގެފާނަށް ފުރައްސާރަކުރެވޭ ވާހަކައެއް ކަމަށެވެ. އެކަމަނާ އަކީ، ކީރިތި ޤުރުއާނުގައި ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވާ މާތް ބޭކަނބަލެކެވެ. ސުވަރުގޭގެ އެންމެ މަތިވެރި އަންހެން ކަނބަލުން ބަޔާންކޮށްދެއްވަމުން ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކުރެއްސެވި ހަތަރު އަންހެން ބޭކަނބަލުންގެ ތެރެއިން އެއް ބޭކަނބަލަކީ، އެކަމަނާ އެވެ. އެހެންވީމާ، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ، އެކަމަނާ އަށް ފުރައްސާރަކުރެވޭ ވާހަކަތައް ކިޔައިއުޅުން ހުއްޓާލުމެވެ.

3. ސަފަރު ކަތްދަ ވާހަކަ

މި ވާހަކައިގައި ކިޔައިއުޅެނީ، ސަފަރު ކަތްދަ އަކީ، ޞަފަރު މަހު ދިހަވަނަރޭ އަރާ މުޑުދާރު ޖިންނިއެއް ކަމަށެވެ. އެ ޖިންނި އައިސް ގޯތިގެދޮރު ހަޑިކުރާ ކަމަށެވެ. ގިފިލި ވަޅުން ފެންވަރައި، މުޅި ގިފިލި އެކީ ހަޑިކޮށް ޗަކަކުރާ ކަމަށެވެ. އަދި ކެއިންބުއިމާ ގުޅޭ ކަންކަމުގައި ބޭނުންކުރާ އެއްޗެހި ވެސް ހަޑިކުރާ ކަމަށެވެ.

ސަފަރު ކަތްދަ ވާހަކައިގެ މައްޗަށް ނަޒަރު ހިންގައި، އެ ވާހަކަ ދިރާސާކުރާއިރު މޭރުންވާ ޙަޤީޤަތަކީ، އެ ވާހަކައަކީ، ސަންތި މަރިޔަނބު ވާހަކައަށް ބަދަލުހިފުމުގެ ގޮތުން ހަދާފައިވާ ވާހަކައެއް ކަމެވެ. އާދޭހެވެ. ސަންތި މަރިޔަނބު ވާހަކަ ހަދާފައިވަނީ، ޢީސާއީ ދީނުގެ މާތް ޝަޚުޞިއްޔަތެއް ކަމަށްވާ ސަލާމްލެއްވި މަރްޔަމުގެފާނަށް ފުރައްސާރަކުރުމަށްޓަކަ އެވެ. އެ ވާހަކައަށް ބަދަލުހިފުމުގެ ގޮތުން، ސަފަރު ކަތްދަ ވާހަކަ ހަދާފައިވަނީ، އިސްލާމްދީނުގެ މާތް ޝަޚުޞިއްޔަތެއް ކަމަށްވާ އުއްމުލްމުއުމިނީން ޚަދީޖަތުގެފާނަށް ފުރައްސާރަކުރުމަށްޓަކަ އެވެ.

ސަފަރު ކަތްދަގެ ނަމުގައިވާ ސަފަރާ، ޞަފަރު މަހާ ގުޅުވާލާފައި ވިޔަސް، އޭގައި އެހެން ޙަޤީޤަތެއް ވެ އެވެ. އުއްމުލްމުއުމިނީން ޚަދީޖަތުގެފާނަކީ، ވިޔަފާރި ޤާފިލާތަކުގެ ދަތުރުތައް ހިންގެވި ބޭކަނބަލެކެވެ. ޢަރަބި ބަހުން ދަތުރަށް ކިޔަނީ، "ސަފަރު" އެވެ. ދިވެހި ބަހުގައި، ޚަދީޖާ ވަނީ ކަތްދަ އަށް ބަދަލުވެފަ އެވެ. ޒުލައިޚާ، ދަލޭކަ އަށް ބަދަލުވެފައިވާ ފަދައިންނެވެ. ޙަޤީޤަތާ ހަމައަށް ވާޞިލުކޮށްދޭ ޗޭނުގެ ބޮޅުތައް މި މޭރުމުން ގުޅުވައިލާއިރު، ސަފަރު ކަތްދަ އަކީ، ސަފަރު ޚަދީޖާ ކަން އެނގެ އެވެ. އަދި މިއިން މާނަކުރެވެނީ، އުއްމުލްމުއުމިނީން ޚަދީޖަތުގެފާނު ކަން ވެސް ދޭހަވެ އެވެ.

ތާރީޚީ ނަޒަރަކުން ބަލާއިރު، ސަންތި މަރިޔަނބު ވާހަކަ އާއި، ސަފަރު ކަތްދަ ވާހަކަ އަކީ، މި ރާއްޖޭގައި ޢީސާއީ ދީނުގެ އަހުލުވެރިންނާއި، އިސްލާމްދީނުގެ އަހުލުވެރިންގެ ދެމެދުގައި އޮތް ކޯޅުމުގެ ތެރެއިން އުފެދިފައިވާ ދެވާހަކަ ކަމަށް ބެލެވެ އެވެ. އެހެނީ، ސަންތި މަރިޔަނބު ވާހަކައިގައި ފުރައްސާރަކުރެވެނީ، ޢީސާއީ ދީނަށެވެ. ސަފަރު ކަތްދަ ވާހަކައިގައި ފުރައްސާރަކުރެވެނީ އިސްލާމްދީނަށެވެ. އެހެންވީމާ، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ، މާތްވެގެންވާ އިސްލާމްދީނަށާއި، އަދި އެހެން ދީންތަކަށް ފުރައްސާރަކުރެވޭ މިފަދަ ވާހަކަތައް ކިޔައިއުޅުން ހުއްޓާލުމެވެ. މިކަން އެނގި ތިނބެ، މިފަދަ ވާހަކަތައް ކިޔައި، ދީންތަކަށް ފުރައްސާރަކޮށް އުޅުމަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުމެންނަށް ކުރެވޭ ވަރަށް ބޮޑު ފާފައެއް ކަމުގައި ނޫނީ ނުވާނެކަން ކަށަވަރެވެ.
<><><><><>

ނަންގަނެވިދިޔަ ތިން ވާހަކައަކީ، އެއްވެސް ޙާލެއްގައި ސަލާމަތް ބުއްދި ޤަބޫލުކުރާނެ ވާހަކަތަކެއް ނޫނެވެ. މި ލިއުމުގައި ބަޔާންކުރެވުނު ނުކުތާތަކުގެ އަލީގައި، މި ވާހަކަތަކުގެ ޙަޤީޤަތް ހާމަވެގެން ހިނގައްޖެ އެވެ. މިއަދުގެ ހޭލުންތެރި ތަޢުލީމީ ޖީލުގެ ދިވެހިން، މިފަދަ ވާހަކަތައް ޤަބޫލުނުކުރާނެކަން ޔަޤީނެވެ. މި ވާހަކަތަކުގައި ވާ އޮޅުވާލުންތައް ވަރަށްވެސް ބޮޑެވެ. މި ވާހަކަތަކުގައި މާތްވެގެންވާ އިސްލާމްދީނަށާއި، ސަލާމްލެއްވި މަރްޔަމުގެފާނަށާއި، އުއްމުލްމުއުމިނީން ޚަދީޖަތުގެފާނަށް ކުރެވޭ ފުރައްސާރައާއި ބޭއިޙުތިރާމު ވަރަށްވެސް ބޮޑެވެ. ފަހެ، އަޅުގަނޑުމެން ދިވެހިން، މާތްވެގެންވާ އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭއިރު، ދީނާ ޚިލާފު، މިފަދަ ވާހަކަތައް ކިއުން ހުއްޓައިލާކަށް އަދިވެސް ނުވޭތޯ އެވެ؟


 މުޞަންނިފު
ބަޙުރު
ލިޔުނީ: Unknown
ރާއްޖޭގެ 250 ސެންޓަރުގައި މިއަހަރުގެ އޯލެވެލް އިމްތިހާން މިއަދު ފަށައިފިއެވެ.
ޖުމްލަ 8280 (އަށް ހާސް ދުއިސައްތަ އައްޑިހަ) ދަރިވަރުން ބައިވެރިވާ އޯލެވެލް އިމްތިހާނު މިއަދު ފަށާފައިވާއިރު އިމްތިހާން ކުރިއަށް ދާނީ 196 ސުކޫލުގައާއި 54 އަމިއްލަ ސެންޓަރުތަކުގައި ކަމަށް ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނެއެވެ.

އޯލެވެލް އިމްތިހާނު މިއަދު ހެނދުނު 9 ޖެހިއިރު ފެށިފައިވާއިރު މިއިމްތިހާނަށް ސުކޫލުތަކުން ވަނީ ވަރަށް ބޮޑަށްތައްޔާރު ވެފައިކަން ފާހަގަކޮއްލެވެއެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނުފެށިފައި މިވަނީ ސިޔާސީ ގޮތުން މާލެތެރެ ވަރަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.

މިއަހަރަކީ މާލޭގެ ހުރިހާ ސުކޫލެއްގައި އޯލެވެލް އިމްތިހާނު ކުރިއަށް ގެންދާނެ ފުރަތަމަ އަހަރެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނު އެއްވެސް މައްސަލައެއް ނެތި ކުރިއަށް ގޮސްފައިވާއިރު 2011 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ދިވެހި ޓެސްޓުގައި މައްސަލަ ޖެހިގެން އެޓެސްޓްވަނީ އަލުން ނަގާފައެވެ.
ތާރީޚް: : Tuesday, September 24, 2013 [0] ކޮމެންޓްތައް ފާހަގަ: ,

ޖަނަވަރީ 2014 ގައި ލ.ގަމު ކެމްޕަހުގައި ހިންގާ ކޯސްތައް

ލިޔުނީ: Unknown
ތިރީގައި މި ބަޔާންކުރަނީ ޤައުމީ ޔުނިވަރސިޓީން ލ.ގަމުގައި ޤާއިމްކޮށްފައިވާ އެ ޔުނިވަރސިޓީގެ ކެމްޕަހުގައި 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ހިންގުމަށް ރާވަވާފައިވާ ކޯސްތައްކަމަށް ޔުނިވަރސިޓީއިން ނެރޭ “މަތީ ތަޢުލީމާއި މަސައްކަތްތެރިކަމުގެ ކޯސްތައް” މިފޮތުގައި ބަޔާންކޮށްފައިވާ ކޯސްތަކާ ގުޅޭ މަޢުލޫމާތެވެ. 

ކޯސްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 31 އޮކުޓޫބަރ 2013 ވާ ބުރާސްފަތި ދުވަހުގެ 15:00 އެވެ. ކޯސްތަކާ ގުޅޭ އިތުރު މަޢުލޫމާތު ޤައުމީ ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބިވަޑައިގަންނަވާނެއެވެ.
#
ކޯހުގެ ނަން
މުއްދަތު
ޖާގަ
1
Advanced Certificate in Language Use
އޮފީސް މާޙައުލުގައި ހެޔޮގޮތުގައި މުޢާމަލާތް ކުރަން ދަސްކޮށްދޭ މަތީ ސެޓްފިކެޓް ކޯސް.
1 އަހަރު (2 ސެމެސްޓަރ)
20
2
Diploma of Teaching Primary
ފަށާ ތަޢުލީމުގެ މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސް
1.5 އަހަރު (3 ސެމެސްޓަރ)
30
3
Advanced Diploma of Teaching primary
ފަށާ ތަޢުލީމުގެ މުދައްރިސްކަމުގެ މަތީ ޑިޕްލޮމާ ކޯސް
2 އަހަރު (4 ސެމެސްޓަރ)
30
4
Bachelor of Education – Primary
ފަށާ ތަޢުލީމުގެ މުދައްރިސްކަމުގެ ޑިގުރީ ކޯސް
4 އަހަރު (8 ސެމެސްޓަރ)
30
5
Diploma in Early Childhood Education
ޕްރީ ސްކޫލް މުދައްރިސުން ތަމްރީން ކުރުމުގެ ޑިޕްލޮމާ ކޯސް
2 އަހަރު (4 ސެމެސްޓަރ)
30
6
Bachelor of Education Secondary (Mathematics)
ޘާނަވީ ފެންވަރުގެ ހިސާބު މުދައްރިސުން ތަމްރީނު ކުރުމުގެ ޑިގުރީ ކޯސް
4 އަހަރު (8 ސެމެސްޓަރ)
30
7
Bachelor of Education in English Language & Literature
ޘާނަވީ ފެންވަރުގެ އިނގިރޭސި އާއި ލިޓްރޭޗަރ މުދައްރިސުން ތަމްރީން ކުރުމުގެ ޑިގްރީ ކޯސް
4 އަހަރު (8 ސެމެސްޓަރ)
30
8
Diploma in Primary Health Care
ޕްރައިމަރީ ހެލްތް ކެއަރގެ ޑިޕްލޮމާ ކޯސް
2.5 އަހަރު ( 5 ސެމެސްޓަރ)
20
9
Certificate 3 in Food & Beverage Operations
ފުޑް އެންޑް ބެވަރެޖް އޮޕަރޭޝަންސްގެ ސެޓްފިކެޓު ލެވެލް 3 ގެ ކޯސް
0.5 އަހަރު (1 ސެމެސްޓަރ)
(ބުލޮކް މޯޑް)
50
10
Certificate 3 in Front Office Operations
ފްރަންޓް އޮފީސް އޮޕަރޭޝަންސްގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯސް
0.5 އަހަރު (1 ސެމެސްޓަރ)
(ބުލޮކް މޯޑް)
100
11
Advanced Certificate in Islamic Studies
އެޑްވާންސްޑް ސެޓްފިކްޓް އިން އިސްލާމިކް ސްޓަޑީޒް
1 އަހަރު (ދެ ސެމެސްޓަރ)
25
12
Advanced Certificate in Management
ހިންގުމުގެ ހުނަރުތަކުގެ މަތީ ސެޓްފިކެޓް ކޯސް
1 އަހަރު (2 ސެމެސްޓަރ)
30
13
Advanced Certificate in Shari’ah & Law
ޝަރީޢަތާއި ޤާނޫނުގެ މަތީ ސެޓްފިކެޓް ކޯސް
1 އަހަރު (2 ސެމެސްޓަރ)
(ބުލޮކް މޯޑް)
20
14
English for Further Studies (Distance)
މަތީ ތަޢުލީމުގައި ކުރިއަށް ދިއުމަށް ބޭނުންވާ އިނގިރޭސި ބަހުގެ ކޯސް
0.5 އަހަރު (1 ސެމެސްޓަރ)
(ޑިސްޓެންސް މޯޑް)
25
15
Advanced Certificate in Human Resource Management
މުއައްޒަފުން ބެލެހެއްޓުމުގެ މަތީ ސެޓްފިކެޓް ކޯސް
2 އަހަރު (4 ސެމެސްޓަރ)
(ބުލޮކް މޯޑް)
30
16
Diploma in Early Childhood Education
ޕްރީ ސްކޫލް މުދައްރިސުން ތަމްރީން ކުރުމުގެ ޑިޕްލޮމާ ކޯސް
3 އަހަރު (6 ސެމެސްޓަރ)
(ބުލޮކް މޯޑް)
30
17
Diploma in School Management
ސްކޫލް ހިންގުމުގެ ޑިޕްލޮމާ ކޯސް
1.5 އަހަރު (3 ސެމެސްޓަރ)
(ބުލޮކް މޯޑް)
30
18
Diploma in Teaching Dhivehi Language
ދިވެހި ކިޔަވައިދިނުމުގެ ޑިޕްލޮމާ ކޯސް
2 އަހަރު ( 4 ސެމެސްޓަރ)
(ބުލޮކް މޯޑް)
30
19
Postgraduate Certificate in Education (English)
މުދައްރިސުކަމުގެ ޕޯސްޓްގުރެޖުއޭޓް ސެޓްފިކެޓް (އިނގިރޭސި ބަހުން ހިންގާ)
1 އަހަރު ( 2 ސެމެސްޓަރ)
(ބުލޮކް މޯޑް)
30
20
Postgraduate Certificate in Education (Dhivehi)
މުދައްރިސުކަމުގެ ޕޯސްޓްގުރެޖުއޭޓް ސެޓްފިކެޓް (ދިވެހި ބަހުން ހިންގާ)
1 އަހަރު ( 2 ސެމެސްޓަރ)
(ބުލޮކް މޯޑް)
30
21
Foundation Studies Level 1: Diploma in /Bachelor of Early childhood Education
ފައުންޑޭޝަން ސްޓަޑީޒް ލެވެލް 1: ޑިޕްލޮމާ އިން/ބެޗްލަރ އޮފް އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން
1 އަހަރު (2 ސެމެސްޓަރ)
30
22
Foundation Studies Level 2: Bachelor of Early childhood Education
ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2: ބެޗްލަރ އޮފް އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން
1 އަހަރު (2 ސެމެސްޓަރ)
30
ލިޔުނީ: Unknown
މިއަހަރުގެ ދިރާސީ ކަލަންޑަރުގައި ފާހަގަކުރެވިފައިވާ ތިންވަނަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޑޭ މިއަދު  އަތޮޅުގެ ސްކޫލް ތަކުގައި  ފާހަގަ ކުރަމުން އެބަދެއެވެ.

ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޑޭ ނުވަތަ ޚިދުމަތުގައި ތިއްބަވައިގެން ތަމްރީނު ހޯދާ ދުވަހަކީ ސްކޫލުތަކުގައި މަސައްކަތް ކުރައްވާ މުދައްރިސުންނަށް ކިޔަވައިދިނުމުގެ ހުނަރުތައް ތާޒާކުރުމާއި މިދާއިރާއަށް އަލަށް އަންނަހެޔޮ ބަދަލުތަކާއި މޮޅެތި ވިސްނުންތައް ފޯރުކޮށްދިނުމަށް ދިރާސީ ކަލަންޑަރުގައި 2010 ވަނަ އަހަރު އަލަށް ފާހަގަކުރެވި ތަޖުރިބާ ކުރަންފަށާފައިވާ ދުވަހެކެވެ.

މިދުވަސް ދިރާސީ ކަލަންޑަރުގައި އަހަރުގެ ތިންހިސާބެއްގައ ތިންދުވަސް ފާހަކަކުރެވިފައިވެއެވެ. ދުނިޔޭގެ ގިނަޤައުމުތަކުގެ ސްކޫލް މަދަރުސާތަކުގައި މިދުވަސް ތަފާތު ގޮތްގޮތަށް ކުރިއަށްގެންދެއެވެ. ނިއުޒިލޭންޑް އޮސްޓްރޭލިޔާގެ ފަދަ ޤައުމުތަކުގެ ސްކޫލްތަކުގައި ކޮންމެ ހަފްތާއެއްގެ ވެސް ކޮންމެވެސް އެއްދުވަހަކީ މުދައްރިސުން ،މުދައްރިސުންގެ އަމިއްލަކުރިއެރުމަށް މަސައްކަތްކުރާ ދުވަހެކެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ މުދައްރިސުން ކިޔަވާދުވަހެކެވެ.

ރާއްޖޭގައިވެސް މިއަދުމިވަނީ ކިޔަވައިދިނުމުގެ ދާއިރާއަށް ނުހަނު ބޮޑެތި ބަދަލުތަކެއްއަންނަން ފާށާފައެވެ. މިގޮތުން މުދައްރިސުންނަށް ލައިސަންސު ދޫކުރުމާއި އަދި ކޮންމެ މުދައްރިސަކުވެސް ކޮންމެ އަހަރެއްގައި 15 ގަޑިއިރުގެ ޚިދުމަތުގެ ތަމްރީނު ނުވަތަ އިންސާވިސް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ހޯދުމަކީ ކޮންމެހެން ލާޒިމުކަމެކެވެ.އަދި މިކަމަކީ ސީދާ މުދައްރިސުންގެ އަމިއްލަ ޒިންމާއެކެވެ.

މިދުވަހަށް ނުވަތަ މިފަދަ ދުވަސްތަކަށް ތައްޔާރުވުމުގެ ގޮތުން ސެންޓަރ ފޮރ ކޮންޓިނިއުންގ އެޑިއުކޭޝަން އާއި ޓީއާރުސީތައް ގުޅިގެން މިހާރުވާނީ ސްކޫލްތަކުގައި މަސައްކަތްކުރާނޭ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ކޯޑިނޭޓަރުން ތަމްރީނުކުރެވިފައެވެ. ލ. އަތޮޅު ހުރިހައި ސްކޫލެއްގައި ޕީޑީ ކޯޑިނޭޓަރުން ތިއްބަވައެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން މުދައްރިސުންގެ ހުނަރު އިތުރުވެ ޤާބިލް މުދައްރިސެއްގެ ގޮތުގައި ދެމިހުރުމަށް އިތުރު ހިތްވަރަކާއި ފަހިކަމެއް ލިބިގެން ދާނެކަމަށް އުއްމީދުކުރެވެއެވެ. އަދި ހަމަ މިއަދުގެ ކިޔަވާކުދިންނަށްވެސް މިކަމުގެ ލާބައާއި މަންފާ އެންމެ އެކަށީގެންވާގޮތުގައި ކުރާނެކަމީ އެއްވެސް ޝައްކެއްއޮތް ކަމެއްނޫނެވެ. ހަރުދަނާ ޖީލެއް ބިނާކުރެވޭނީ ޤާބިލް މުދައްރިސުން ތިބެގެންކަމީ ދެބަސް ވެވެންނެތް ހަގީގަތެކެވެ.

މި އަހަރު ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޑޭ ބާއްވާފައިވަނީ ޖެނުއަރީ 31 ގައެވެ. ދެވަނަ ދުވަސް ބާއްވާފައިވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ. ޖޫން މަހުގެ 27 ވަނަ ދުވަހު (މިއަދު) ބާއްވަމުން އެދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ނެރެފައިވާ ތަޢުލީމީ ކަލަންޑަރުގައި ބުނެފައިވާގޮތުން 3 ވަނަ ދުވަހުއެވެ.
ލިޔުނީ: Unknown
ފަސްއަހަރުގެ ތެރޭގައި ޑިގްރީ ފެންވަރުގެ 300 ޤުރުއާން ޓީޗަރުން ތަމްރީނު ކުރުން ހިމެނޭ ތަޢުލީމާބެހޭ އެމްޑީޕީގެ ސިޔާސަތު “ދިވެހި ޢިލްމުވެރިން – ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށްް” އިފްތިތާޙް ކުރުން އަންނަ ހުކުރު ދުވަހު (14 ޖޫން 2013- ހުކުރު) ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީ އޮފީހުގައި އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ކެމްޕޭން ކޮމެޓީގެ ނައިބު މުޤައްރިރު ޢަބްދުލް މާޖިދު ވިދާޅުވީ އެމްޑީޕީގެ ތަޢުލީމާ ބެހޭސިޔާސަތު “ދިވެހި ޢިލްމުވެރިން – ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށްް” އިފްތިތާޙް ކުރުން ރަސްމީކޮށް ބާއްވަން ހަމަޖެހިފައިވަނީ ޅ އަތޮޅު ނައިފަރުގައި ކަމަށާއި އަދި އެހެން ފަހަރު ތަކެކޭވެސް އެއްފަދައިން ހަމަ އެދުވަހު ރާއްޖޭގެ 19 އަތޮޅާއި މާލޭ ސިޓީގައި މި ސިޔާސަތު އިފްތިތާޙް ކުރުން އޮންނާނެ ކަމަށެވެ.

މާޖިދު ވިދާޅުވީ ތަޢުލީމާ ބެހޭ އެމްޑީޕީގެ ސިޔާސަތު “ދިވެހި ޢިލްމުވެރިން – ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށްް” ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ކަމަށެވެ. އަދި ނައިފަރުގައި ރައީސް ނަޝީދު މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމާއި އެކު ރާއްޖޭގެ 19 އަތޮޅާއި މާލޭ ސިޓީގައި އެއްފަހަރާ ބޭއްވޭ ހަފްލާތަކެއްގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ކަމަށެވެ.

އެމްޑީޕީ އޮފީހުގައި އިއްޔެެެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ދެވޭ ތައުލީމުގައި އިސްލާމްދީނާއި ކީރިތި ޤުރުއާން އަދި ޢަރަބި ތަޢުލީމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނޭ ކަމަށެވެ. އެގޮތުން ވެރިކަމުގެ ދައުރުގެ ތެރޭގައި ޑިގްރީ ފެންވަރުގެ 300 ޓީޗަރުން މަދުވެގެން ތަމްރީނު ކުރުމަށާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްލާމިކް ފެކަލްޓީ އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށް ތައުލީމާ ބެހޭ ސިޔާސަތުގައި ކަނޑައަޅާފައިވާނޭ ކަމަށެވެ.

އިލްޔާސް ވިދާޅުވީ ރާއްޖެއިން މަތީތައުލީމަށްދާ ދަރިވަރުންގެ މިހާރުގެ ނިސްބަތަކީ 6 އިންސައްތަ ކަމަށާއި ނަމަވެސް އެއިންސައްތަ 40 އަށް ބަދަލު ކުރުމަކީ ރައީސް ނަޝީދުގެ ވަރަށްބޮޑު އެދުންފުޅެއް ކަމަށެވެ. އެހެންކަމުން ކުއްޖާ އުފަންވީއްސުރެ ބެލެނިވެރިންނާއި ސަރުކާރުން ފައިސާލާގޮތައް ހަޔަރ އެޑިއުކޭޝަން ސޭވިންގ ސްކީމެއް ތަޢާރަފް ކުރައްވާނެ ކަމަށެވެ. “ކުއްޖާގެ އެކައުންޓެއް ހުޅުވާ ބެލެނިވެރިޔާ ލާ ޢަދަދަކަށް ސަރުކާރުންވެސް ފައިސާ ލާނީ. އެއީ ކުއްޖާ ނިމިގެން މަތީ ތަޢުލީމަށްދާން ޤާއިމް ކޮށްދެވޭ ފަންޑެއް. ސަރުކާރުން މިސްކީމަށް 5 އަހަރު ތެރޭ 120 މިލިއަން ރުފިޔާ ހަމަޖައްސާނެ” އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރުން 6150 ޒުވާނުންނަށް މަތީތައުލީމް ހޯދުމަށް ލޯނާއި ސްކޮލަރޝިޕް ދިނުމަށް 500 މިލިއަން ރުފިޔާ ކަނޑައަޅާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. “ކިޔެވުމަށް ދޭ ލޯނު އަނބުރާ ދައްކާއިރު އެޒުވާނަކު ދައްކަން ޖެހޭނީ ވަޒީފާ އަދާކުރާ ޒުވާނާގެ މަސްދުވަހުގެ އާމްދަނީގެ 8 އިންސައްތައަށްވުރެ މަތިނުވާ ޢަދަދަކުނ މަހަކު” އިލްޔާސް ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ އެމްޑީޕީން ކަނޑައަޅާފައިވާ ވަޒީފާގެ ސިޔާސަތާއި ތައުލީމީ ސިޔާސަތު ވަރަށް ބޮޑަށް ގުޅިފައިވާނޭ ކަމަށާއި ބޭނުމަކީ ތައުލީމީ ޒުވާނުންނަށް މަސައްކަތައް ނެރުން ކަމަށެވެ. އެގޮތުން ބޯޓު ބަނުމުގެ ޚާއްޞަ ސެންޓަރަކާއި މެރިޓައިމް ޓްރޭނިންގ މަރުކަޒެއްގެ އިތުރުން މެޑިކަލް ކޮލެޖަކާއި ސްޕޯޓްސް ކޮލެޖެއް ޤާއިމް ކުރުމަށްވެސް އެސިޔާސަތުގައި ކަނޑައަޅާފައިވާނޭ ކަމަށް މާޖިދު ވިދާޅުވިއެވެ.

އަދި އެމްޑީޕީ ސަރުކާރުގެ މި ސިޔާސަތު އެކުލަވައިލުމުގައި މިފަހަރު ބޮޑަށް ބަލާފައިވަނީ ތައުލީމީ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށާއި މަސައްކަތައް ޒުވާނުން އަހުލުވެރިކުރުމަށް ބާރު އެޅުވުމުގެ ގޮތުން ތައުލީމާއި ތަމްރީނު ދިނުމަށް ކަމަށް ހާމަކުރިއެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ފަށާފައިވާ ހުނަރު ޕްރޮގްރާމާއި ތައުލީމީ ޒުވާނުން އުފެއްދުމާވެސް ވަރަށް ބޮޑަށް ގުޅުވާލާފައިވާނޭކަމަށްވެސް ވިދާޅުވިއެވެ.
ލިޔުނީ: Unknown
ހަމަދު ސްކޫލުން މިއަހަރު ދަސްވެނިވި ދަރިވަރުން ސްކޫލްގެ ޕްރިންސިޕަލް އަދި ޒަކަރިއްޔާ މަންސޫރާއިއެކު - ފޮޓޯ: ހަމަދު ސްކޫލް
ލ. ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް (ހަމަދު ސްކޫލް) އިން މިއހަރު މަތީ ޘާނަވީ ނިންމި ދަރިވަރުންގެ ދަސްވެނިވުން ވަރަށް ކުލަގަދަކޮށް މިމަހުގެ 1 ވަނަ ދުވަހުގެރޭ ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފްގެ ކޮމާޑަރ ސެންޓްރަލް އޭރިޔާ، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އެވެ.

ހަމަދު ސްކޫލުން މަތީ ޘާނަވީ ފުރިހަމަކުރި ދެވަނަ ބެޗްގައި 15 ދަރިވަރުން ދަސްވެނިވެފައި ވާކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޝައުކަތު އެލްއޭ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހާމަކުރެއްވި އެވެ. އިއްޔެރޭ ބޭއްވި ރަސްމިއްޔާތުގައި ހަމަދު ސްކޫލްގެ ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިން ޚާއްޞަކޮށް ދަޢުވަތު އެރުވިގެން ބައިވެރިކޮށްފައިވެ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވާހަކަފުޅު ދެއްކެވެިއެވެ. އަދި މީގެ އިތުރުން ސްކޫލްގެ ޕްރިންސިޕަލް، މުދައްރިސެއް އަދި ދަސްވެނިވި ދަރިވަރެއް ވާހަކަދައްކާފައިވެ އެވެ. ޒަކަރިއްޔާ މަންސޫރުގެ ވާހަކަފުޅުގައި ދަސްވެނިވި ދަރިވަރުންނަކީ މުޖުތަމަޢު އަށް ބޭނުންތެރި، ޒިންމާދާރު މުވާޠިނުން ތަކަކަށް ވުމަށް އިލްތިމާސްކުރެއްވި އެވެ. އަދި ޚުލްޤު ރަނގަޅު ސުލޫކީ ދަރިންތަކަކަށް ވުމަށާއި، ދީނާއި ޤައުމުދެކެ ލޯބިވާ ޤައުމު އެދޭ ކޮންމެ ދަނޑިވަޅެއްގައި ޚިދުމަތަށް ނިކުންނަށް ކެރޭ ބަޔަކަށް ވުމަށްވެސް ގޮވާލެއްވިއެވެ. ޢިލްމަކީ ނިމުމެއް އޮތް އެއްޗަކަށް ނުދެކުމަށާއި ޢިލްމުގެ ފުރުސަތު ހުޅުވިފައި ވާހާ ހިނދަކު އޭގެ ބޭނުން ކުރުމަށްވެސް ޒަކަރަިއްޔާ މަންސޫރު ދަރިވަރުންނަށް އިލްތިމާސް ކުރެއްވިއެވެ.

ހަމަދު ސްކޫލްގެ ޕްރިންސިޕަލް ދަރިވަރުންނާ މުޚާޠަތު ކުރައްވާ ވަރަށް ޢިބްރަތްތެރި ދަރުސްއެއް ލިބިގެންދާފަދަ ވާހަކަފުޅެއް ދެއްކެވިއެވެ. ފިލާވަޅެއް ނަގައިދެއްވާ ގޮތަށް ދަރިވަރުން ޝައުޤުވެރިވާނެފަދަ ގޮތަކަށް ކުރިއަށްގެންދެވި ވާހަކައިގައި ކުދިން މުޖުތަމަޢަށް ނުކުމެ އަދި އަމިއްލަ ދިރިއުޅުމެއް ފެށުމަށްފަހު އެކުދިންގެ ދިރިއުޅުމުގެ ކަންތައްތައް ބައްޓަންކުރުމުގައި ވިސްނުން ބަހައްޓަންވީ ބައެއް ކަންކަން ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޚާއްޞަ މެހެމާނެއްގެ ގޮތުން މެލޭޝިޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) ބައިވެރިވެލެއްވިއެވެ. ހަމަދު ސްކޫލުން ދަސްވެނިވި ދަރިވަރުން އެކުދިންގެ ހިތުގެ ޝުޢޫރުތައް ހާމަކުރުމަށް ޚާއްޞަ ލަވައެއްވެސް މި ރަސްމިއްޔާތުގައި ހުށައެޅިއެވެ.
ތާރީޚް: : Saturday, June 1, 2013 [0] ކޮމެންޓްތައް ފާހަގަ:

ދުނިޔޭގެ ފުޅާ ދަލުގެ ތެރެއިން އުނގެނުމަށް އެހީއެއް - 1

ލިޔުނީ: Unknown
 ،ދުނިޔޭގޭ ފުޅާ ދާ' ނުވަތަ ވޯރލްޑް ވައިޓް ވެބަކީ ތަފާތު ގިނަގުނަ ވަޞީލަތްތަކުގެ ހުސްވުމެއްނެތް ޚަޒާނާއެކެވެ. ދުނިޔޭގެ މި ފުޅާ ދަލުން މަސްވެރިކަން ކޮށްގެން މަޢުލޫމާތު ހޯދުން މިއަދު މިވަނީ ޢާއްމު ކަމަކަށް ވެފައެވެ. އެހާމެ ފަސޭހަ ގޮތަކަށް ވެފައެވެ. ނަމަވެސް ބައެއް ފަހަރަށް، މަދުން ނަމަވެސް، ބައެއް މުދައްރިސުންނަށް، ދަރިވަރުންނަށް އަދި ބެލެނިވެރިންނަށްވެސް ރަނގަޅު ވަޞީލަތްތައް ނުވަތަ ރަނގަޅު މަޢުލޫމާތު ހުންނަ ވެބް ސައިޓްތައް ހޯދަން އޮންނަނީ ދަތިކަމަށް ވެފައެވެ.

އެލްއޭ ނިއުސް އިން މީގެ ކުރިންނަށް 'މުދައްރިސުންނަށް އަގުހުރި ސައިޓްތަކެއް' – މިފަދަ ސުރުޚީއެއްގެ ދަށުން ވާނީ ބޭނުންތެރި ބައެއް ވެބް ސައިޓް ތަކާއި ގުޅޭ މަޢުލޫމާތުތައް ދީފައެވެ. މިފަހަރުވެސް އެ ސިލްސިލާގެ ދަށުން ބޭނުންތެރި ބައެއް ވެބްސައިޓްތައް ގެނެސްދިނުމަށް މަސައްކަތް ކޮށްލާނަމެވެ. ސިލްސިލާގެ ނަން ތަފާތު ވުމުން ކުރިއަށް އޮތްތާނގައި ތަފާތު ދާއިރާތަކުން، ފާހަގަ ކޮށްލެވޭ ތަފާތު ވެބްސައިޓްތައް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ އުއްމީދެކެވެ.

މިފަހަރު މި ބަލާލަނީ އިންޑީޔާގެ ގްރޭޑް 3، 4 އަދި 5 ގެ ދަރިވަރުންނަށް އަދި މި ގްރޭޑްތަކަށް ކިޔަވައިދެއްވާ މުދައްރިސުންނަށް ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެންދާނެފަދަ ވެބް ސައިޓެއްގެ މަޢުލޫމާތެވެ.

މެޖިކް ޕަތުޝާލާ - http://www.magicpathshala.com

މިއީ ތަޢުލީމު އުނގަންނައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ރިސަރޗް ގްރޫޕަކުން ނުވަތަ ދިރާސާ ގްރޫޕަކުން ހިންގާ ވެބް ސައިޓެކެވެ. މި ގްރޫޕުން ތަކެތި އުފައްދަމުންދަނީ:

•    ދަރިވަރުން ކުރަން ބޭނުންވާ ކަންތައްތައް ދަސްކުރުމަށާއި އެކުދިން އުނގެނުމަށް ފަސޭހަ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް
•    ކުދިންގެ އަސްލު ފެންވަރު  ދެނެގަތުމަށް އެހީވުމަށް
•   
'މެޖިކް ޕާތުޝާލާ' އިން ވަޞީލަތްތައް އުފައްދަމުން އަންނަތާ 22 އަހަރުވެއްޖެއެވެ. އެއީ 1990 ގައި ތަޢާރަފު ކުރެވުނު 'މެޖިކް ސޮފްޓްވެއަރ' ޢާއްމުކުރި ދުވަހުން ފެށިގެންނެވެ. އަދި އެތަނުގެ ފަރާތުން އަންނަނީ ދަރިވަރުން އެނގުނުން ފަސޭހަކޮށް ފައްކާ ކޮށްދިނުމާއި މުދައްރިސުން އުނގަންނަވައިދެއްވުމުގައި އެހީތެރިވުމަށް ބޭނުންތެރި ވަޞީލަތްތައް އުފައްދަމުންނެވެ. އަދި އެފަރާތުގެ މިންނެތް، ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށް އުނގަންނައިދިނުމުގައި ޙަރަކާތްތެރިވާ ތަފާތު ޖަމިއްޔާ، ޖަމާޢަތް، ސްކޫލް، ކޮލެޖް އަދި ޔުނިވަރސިޓީފަދަ ތަންތަނުން އެވޯޑްތައްވެސް ދެމުންނެވެ.

ހިންދީ ބަހާއި އިނގިރޭސި ބަހުން ވަޞީލަތްތައް ލިބެން ހުންނަ މި ވެބްސައިޓަކީ މުޅިން ހިލޭ ވަޞީލަތްތައް ފޯރުކޮށްދޭ ވެބްސައިޓެކެވެ. ވެބް ސައިޓްގައި ރެޖިސްޓްރީ ކުރުމަށްފަހު ޝައުޢުވެރި ކުރުވާފަދަ އެތައް ވީޑިއޯތަކަކާއި ފްލޭޝް ކާޑްތައް މި ސައިޓްގެ ޒަރީޢާއިން ލިބިގެންދާނެއެވެ.

ކޮނުނު ވަރަކަށް ފަސް ގިނަވެޔޭ ބުނާހެން މި ސައިޓްވެސް ހޭވި ވަރަކަށް ގިނަ ތަކެތި ތިލަކޮށްދެމުން ދާނެކަން ޔަޤީނެވެ. އެހެންކަމުން ކިޔުންތެރިންވެސް އަޅުގަނޑުގެ މިލިޔުން ކިޔުމަށް ވަގުތުތަކެއް ބޭކާރުކޮށްނުލައްވާ މި ވެބްސައިޓަށް ޒިޔާރަތްކޮށް އަމިއްލަފުޅަށް ތަޖްރިބާކޮށްލައްވައި ބޭނުންވެލައްވާ ވަޞީލަތްތައް ޑައުންލޯޑްކުރެއްވުން ބުއްދިވެރިއެވެ.
މި ސައިޓުގެ ފޭސްބްކް ޕޭޖުން ލިބެން ހުންނަ ފްލޭޝްކާޑް ތަކުގެ ތެރެއިން ކާޑެއްގެ ފޮޓޯއެއް

 މެޖިކް ޕަތުޝާލާ ޔޫޓިއުބް ޗެނަލް - http://www.youtube.com/user/MagicPathshala

ލިޔުނީ: Unknown
ކަންކުން (ސައިންޓިފިކް ނަން: އައިޕޯމިއާ އެކުއާޓިކާ، އިނގިރޭސި ބަހުން ކަންގްކޮންގް ނުވަތަ ވޯޓަރ ސްޕިނޭޗް ) އަކީ ފަތްޕިލާވެލީގެ ބާވަތެކެވެ. މިއީ ދިވެހިން ކާން ބޭނުންކުރާ ފަތެކެވެ. ދުނިޔޭގެ އެކިހިސާބުތަކުގައި ކަންކުން ފަތަށް ތަފާތު ނަންނަމުން ކިޔައި އުޅެއެވެ.

ކަންކުން ފެނުގައި ވެސް ހެދެއެވެ. އަދި ބިމުގައި ހައްދާނަމަ އާންމުކޮށް ހައްދަނީ ތެތް ވެލިގަނޑު ހުންނަ ހިސާބުތަކުގައެވެ. ކަންކުން ފަތުގެ ތަނޑީގައި 3-2 މިލިމީޓަރު ހުރެއެވެ.

ކަންކުން ފަތުގެ ދިގުމިނުގައި 15-5 ސެންޓިމީޓަރު ވަރުހުރެއެވެ. އަދި ފުޅާ މިނުގައި 8-2 ސެންޓި މީޓަރު ވަރުހުރެއެވެ. އަދި ކަންކުންފަތުގެ މަލުގެ ވަށަމިނުގައި 5-3 ސެންޓިމީޓަރު ވަރު ހުރެއެވެ.

ކަންކުން ފަތަކީ އެއިން ތަފާތު ބާވަތްބާވަތުގެ ރަހަމީރު ކާނާ ތައްޔާރުކޮށްލެވިދާނެ ފަތެކެވެ. އެގޮތުން ކަންކުން ޑެވިލް އަކީ ފަސޭހައިން ތައްޔާރުކޮށްލެވޭ، ބަތާއިއެކުގައި ނުވަތަ ރޮއްޓާއިއެކުގައި ކެއުމަށް އެހާމެ މީރު ލައިގެންކާ އެއްޗެކެވެ.

ކަންކުން ފަތަކީ ސިއްޙީ ގޮތުންވެސް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ފަތެކެވެ. އެގޮތުން ވިޓަމިންގެ ބާވަތެއް ކަމަށްވަ ކެރޮޓިނޮއިޑްސްގެ ލޫޓިއަން އާއި ޕްރޯ-ވިޓަމިން އޭ ލިއްބައިދެއެވެ. އަދި ފާހަގަ ކޮށްލެވޭ މިންވަރަކަށް ކެލްސިއަމް، ވިޓަމިން ބީ، ސީ އަދި އެމައިނޯ އެސިޑްސް އާއި ދަގަނޑުގެބައި ހިމެނެއެވެ. ގިނައިން ކަންކުން ފަތް ކާނަމަ ބޮޑުކަމުދާން ފަސޭހަ ވާނެއެވެ.

ކަންކުން އަކީ ފަސޭހައިން ފެނުގައިވެސް ހެދޭ ވެޔޮގަނޑަކަށް ހެދޭ ގަހެކެވެ. ތެތް ބިމުގައި ވަރަށް ފަސޭހައިން ހައްދާލެވޭނެއެވެ. މި ގަސް ޕޮޓްގައި ހައްދާގޮތުގެ ވީޑިއޯ އެއް މި ލިންކުން ބައްލަވާލައްވާށެވެ.
މި ލިޔުމުގައި ކަންކުން ފަތުން ތައްޔާރުކޮށްލެވިދާނެ ދެ ރެސިޕީއެއް ހިމަނާލާނަމެވެ.

ކަންކުން ޑެވިލް

ބޭނުންވާނެ ތަކެތި:
2 ސައިސަމުސާ ގާނާފައި ނުވަތަ ޗަސްކޮށްފައިވާ އިނގުރު      
2 ސައިސަމުސާ ގާނާފައި ނުވަތަ ޗަސްކޮށްފައިވާ ލޮނުމެދު
2 ސައިސަމުސާ މިރުސް، ކުދިކޮށް ކޮށާފައި          
2 ސައިސަމުސާ ތެޔޮ
3 ސައިސަމުސާ ޓޯމާޓޯ ސޯސް              
4 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
ރަހަލާވަރަށް ލޮނު                      
50 ގްރާމް ފިޔާ (ކުދިކޮށް ކޮށާފައި)
30 ގްރާމް ޓޮމާޓޯ (ކުދިކޮށް ކޮށާފައި)              
200 ގްރާމް ކަންކުން ފަތް (5 އިންޗި އަށް ބުރިކޮށްފައި)

ތައްޔާރުކުރާނެ ގޮތް:
ތަވައެއްގައި ތެޔޮފޮދު ހޫނުކޮށްލައި، އެއަށް އިނގުރުކޮޅާއި ލޮނުމެދުކޮޅު އަޅައި މުށިކުލަ އަރަންދެން ރަތްކޮށްލާށެވެ. ދެން ފިޔާ އަޅާށެވެ. އެއަށްފަހު ކަންކުން ފަތްކޮޅު އަޅައި 5 މިނެޓްވާންދޭން މަޑު ގިނީގައި ކައްކާށެވެ. (ކަންކުން ފަތުގެ ފެހިކުލަ ނުކެނޑޭވަރަށް ކެއްކުން މުހިންމެވެ.) ދެން ބާކީ ހުރި ތަކެތި އަޅައި ރަނގަޅަށް އެއްކޮށްލައި އުނދުން ނިވާލައި އުނދުނުގެ ހޫނުގައި 2 މިނެޓް ވަންދެން ކައްކާށެވެ. ބަތާއިއެކުގައި ކެއުމަށް ވަރަށް މީރުވާނެއެވެ.

ސްރީލަންކަން ކަންކުން ސްޓަޔަރ ފްރައި

ބޭނުންވާނެ ތަކެތި:
ކަންކުންފަތް ބޮނޑިއެއް          
ހެޔޮވަރުގެ ފިޔައެއް ތުނިކޮށް ކޮށާފައި
1-2 މޭޒުމަތީ ސަމުސަލުގެ ދަޅުމަސް      
1 ސައިސަމުސާ މިރުސް (ކޮށާފައި)
1 ލޮނުމެދު ޗަސްކޮށްފައި           
ރަހަލާވަރަށް ލޮނު              
2 މޭޒުމަތީ ސަމުސާ ތެޔޮ

ތައްޔާރުކުރާނެގޮތް:
ކަންކުން ތުނިކޮށް ކޮށާށެވެ. އެއްފަރާތެއްގައި ބެހެއްޓުމަށްފަހު، ތަވާގައި ތެޔޮފޮދު ހޫނުކުރާށެވެ. ތެޔޮ ހޫނުވުމުން ލޮނުމެދުކޮޅު އަޅައި ވަޅޯކޮށްލާށެވެ. ވަޅޯވުމުން ފިޔާކޮޅު އަޅާށެވެ. ފިޔާކޮޅު ރަތްވުމުން މަސްކޮޅު އަޅާށެވެ. އެއަށްފަހު މިރުސް އަޅާށެވެ. ރަނގަޅަށް އެއްކޮށްލާ ލޮނުހެޔޮވަރު ކުރާށެވެ. އެއަށްފަހު ކަންކުން ފަތްކޮޅު އަޅާށެވެ. އުނދުން ނިވާލާ ތަވާގެ ހޫނުކަމުގައި ކަންކުން ފަތްކޮޅު މޯޅިވާންދެން ކައްކާށެވެ. މިއީ ލަންކާ ސްޓައިލްގައި ކަންކުން ސްޓަޔަރ ފްރައި ހަދާގޮތެވެ. ހުސް ބަތާއެކު ވަރަށް މީރުވާނެއެވެ.
ލިޔުނީ: Unknown
ޒަމާން ބެހިގެންވާ ބައިތައް ދިވެހިބަހުގައިވެސް އަދި އެހެނިހެން ބަސްބަހުގައިވެސް ހުންނަނީ އެއްގޮތަކަށެވެ. ނަމަވެސް އިނގިރޭސި ބަހުގައި މި ބައިތައް ތަންކޮޅެއް ގިނަ ބައިބަޔަށް ވަކިވަކިން ބަހާލައި ބޭނުންކުރާ އުޞޫލުތައް ކިޔައިދީފައި ހުންނަތަން ފެނެއެވެ. ދިވެހިބަހުގެ ބައެއް ޤަވާޢިދު ފޮތްތައް ބަލައި ދިރާސާ ކުރިއިރު މިދެންނެވި ގޮތަށް ވަކިވަކީން އެ ބައިތައް ބުނެދީފައި ހުއްޓައެއް ނުފެނުނެވެ.
ޒަމާން ބެހިގެންވާ ބައިތައް (ޓެންސަސް) ބޭނުންކުރާ ރަނގަޅު އުޞޫލު އެނގިގެން ދިޔުމަކީ ބަސް އުނގެނުމުގައި ކޮންމްވެސް މަރުޙަލާއެއްގައި އެނގެން ޖެހޭނެ ބައެއްކަމަށް ފެންނާތީ އިނގިރޭސި ބަހާއި ދިވެހިބަހުގައި މި ބޭނުންކުރާ ގޮތްތައް ހިމަނާލަމެވެ.
ލިޔުނީ: Unknown
މާހެފުން ދުވަހަށް އަޅާ މާހެފުން އޮޑީގައި މާހެފުން ހެދިކާއަށް ކުރުނބާ ވިއްކަނީ - ފޮޓޯ: އެލްއޭ ނިއުސް
"ދުވަސްވަރަކީ1990 ގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ރަމަޟާން މަސް ކައިރިވެގެން އައިއިރު އަހަރެން ހުރީ މާލޭގައެވެ. އަހަރެން ކިޔަވަން ހުންނަގެއަކީ ފަސްބުރިއަށް ނަގާފައިހުންނަ ގެއެކެވެ. ގޭގެ އެންމެ މަތީގައި ޓެރަހެއް އޮވެއެވެ. ޓެރަހުގެ ވަށައިގެން ރީތި ބަގީޗާ ގަސްތައް ހައްދާފައި ހުއްޓެވެ. އެދުވަހު އަހަރަމެން އުޅުނީ ޓެރަސްމަތި ރީތިކޮށް ކެއުމެއް ތައްޔާރު ކުރުމަށެވެ. އެދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ކުރިއަށް އޮންނަ ދުވަހެވެ. އާދެ، މާހެފުން ދުވަހެވެ.

މާހެފުންދުވަހާއި ދިމާކޮށް މިގޭ ކޮންމެވެސް ކުއްޖެއްގެ އުފަންދުވަސް އަންނަނީކަމަށް ހީކޮށް ހުއްޓާ އިވިގެން ދިޔައީ މާހެފުމަކަށް ތައްޔާރުކުރަން އުޅޭ ވާހަކައެވެ. ބަދިގެ ތެރޭގައި ކައްކަމުން ދިޔައީ ކުކުޅާއި ޕާސްތާފަދަ ޒަމާނީ ކެއުންތަކެވެ. ދެންހުރީ ހެދިކާއާއި ކަދުރެވެ. ކާން ހުރިއެއްޗެއްސާއި ކުރާން މިއުޅޭ ކަންތަކާއި އަޅާކިޔާލުމުން އަހަންނަށް ވިސްނުނު އެކައްޗެއްވެސް ނެތެވެ. މާހެފުން ދުވަހަށް މިހުރިހައި އެއްޗެއް ތައްޔާރުކުރާކަމެއް މީގެ ކުރިން ނުދެނެހުރީމެވެ."

މަތީގައި ދަންނަވާލެވުލު ޙާދިސާގައި ބަޔާންކޮށްފައިއެވަނީ މާލޭ މީހުން މާހެފުން ދުވަސް ފާހަގަކުރާގޮތް އަޅުގަނޑަށް ފުރަތަމަ ތަޖްރިބާކުރެވުނު ދުވަހުގެ ކުޑަ ތަންކޮޅެކެވެ. މިހާރު ރަށްފުށުގައިވެސް މާހެފުން ދުވަސް ފާހަގަކޮށް އުޅެނީ މިދެންނެވިފަދަ ގޮތަށްކަން އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ. ނަމަވެސް ނުވަދިހައިގެ އަހަރުތަކުގެ ކުރިން ރަށްފުށުގައި މާހެފުން ފާހަގަކޮށް އުޅުނީ މިގޮތަށް ބާވައެވެ؟ މި ސުވާލު އަޅުގަނޑު މިކޮށްލީ ޖަވާބުވެސް އެނގިހުރެއެވެ. އެހެނީ އޭރު، މާހެފުން ދުވަސް ފާހަގަކުރަނީ މިހާރު މިފެންނަ ގޮތަކަށް ނޫނެވެ. މިހާރު މިފެންނަގޮތަށްވުރެން މާމަޖާ، ދިވެހިވަންތަ، ދިވެހިންގެ ޘަޤާފަތާއި ދިވެހިންގެ މަސައްކަތްތެރިކަން ދައްކައިދޭ ގޮތަކަށެވެ. މިހާރަށްވުރެން އެކުވެރިކަން ބަދަހިކޮށްދޭ ގޮތަކަށެވެ. މިގޮތްތައް ހަމަގައިމުވެސް އަޅުގަނޑާއި އެއް ޢުމުރުގެ މީހުން ހަނދާން ހުންނާނެއެވެ.
މާހެފުން ހެދުން – ފުރަތަމަ ދުވަސް
މާހެފުންދުހަށް އޭރު ތައްޔާރުވާގޮތް ކިޔުންތެރިންނާއި ހަމައަށް ތިލަކޮށްލެވޭތޯ މިހިސާބުން ބަލާލާނަމެވެ. އޭރު މާހެފުން ދުވަހަށް ތައްޔާރުވާން ފަށަނީ މާހެފުން ދުވަހުގެ ހަފްތާތަކެއް ކުރިންނެވެ. ހަނޑޫ އަވީގައިލާ ހަނޑޫ މާއެރުވުން އޮންނާނެއެވެ. އޭރު ހުންނާނީ ދިޔާހަކުގެނެސް ފުޅިފުޅީގައި ރައްކާކުރެވިފައެވެ. ހަނޑޫ މާއެރުވުމަށްފަހު ދިޔާހަކުރު އޮލަކޮށް ކައްކައި މާއެރުވި ހަނޑޫ އެއަށް އަޅައި ހަކުރުލީބަތް ތައްޔާރުކޮށް ބޮނޑިބަތްގުޅަ ވަށާވަރަށް ނުވަތަ ހޮޓާތަކުގައި މިހުންނަ ބޮޑުގުޅަ ހުންނަވަރަށް ގުޅަވަށައި ޑަބިޔާތަކަށް އަޅައި ރައްކާކުރާނެއެވެ. ހަމަ އެހެންމެ ހިތްތަލަފުށުން ހަދާފައިހުންނަ ވައިފޮޅީގައިވެސް ހަކުރުލާފައި މިގޮތަށް ބަހައްޓާފައި ހުންނާނެއެވެ. މިއީ މާހެފުން ދުވަހަށް ތައްޔާރުކުރާ ހެދިކާ ނުވަތަ މާހެފުން ތަކުގެ ތެރެއިން ދުރާލާ ތައްޔާރުކުރާ ދެބާވަތެވެ. މިކަމަކީ އަންހެންވެރިން ބައި ހަދާލާފައި ވަރަށް ފޯރިއާއިއެކު ކުރަމުން އައި ކަމެކެވެ.

މަތީގައި ދަންނަވައިލެވުނު ކަންކަން އަންހެންވެރިން ކުރަމުން ދާއިރު ފިރިހެންވެރިންނާއި ފިރިހެންކުދީން އަތްއުރާލައިގެން ތިބެނީއަކީ ނޫން އިނގޭތޯއެވެ. މާހެފުންދުވަހަށް ތައްޔާރުކުރާ ޚާއްޞަ އޮޑިއެއް ކަމަށްވާ "މާހެފުން އޮޑި" ތައްޔާރުކުރުމުގައި މިވެރިން މަސައްކަތް ފަށައިގެން އޭރު އުޅޭނެއެވެ. އަވައްޓެރި ގޭގޭގެ އަންހެންވެރިން ބައިހަދާފައި ހެދިކާހެދުމުގައި ޢަމަލުކުރާ ބީދައިން ފިރިހެންވެރިންވެސް ކުދިވެރިންގޮވައިގެން ބައިހަދާފައި ކޮންމެވެސް އެއްގެއެއްގެ ގޯތިތެރޭގައި ނުވަތަ ގޯތީގެ ބިއްދޮށްފަރާތުގައި އޮންނަ ވަލުތެރެއާއި ގޯތީގެ އިންފާރު ވަކިވާހިސާބު (ފުޅަފުން ބޭރު ނުވަތަ ފޮނަދޫ މީހުން ކިޔާގޮތުންނަމަ ފޮޅަށްދަށުގައި) ގައި މާހެފުން އޮޑިއެއް އެޅުމާއިގެން އުޅޭނެއެވެ. މިތާގައި އޮޑިއެއް ބަންނަ ވާހަކަ ނުދައްކައި އޮޑިއެއް އަޅާ ވާހަކަ ދައްކަނީ ކީއްވެގެންކަން ތަންކޮޅެއް ފަހުން އެނގިގެން ދާނެއެވެ. މިދެންނެވިހެން ގޭގޭގައި އޮޑި އެޅުމުގެ އިތުރުން ނޫކަށިފުރައިގެ ޒުވާނުން ނުވަތަ ޓީންއޭޖް ކުދިން އޮޑިއެއް އެޅުމުގެ މަސައްކަތް ކުރަމުންގެންދާނީ މޫދުތެރޭގައެވެ. އަދި މިގޮތަށް އަޅާ އޮޑިއަކީ ރަށުގައި އަޅާ އެންމެ ބޮޑު އޮޑިޔައަށް ހެދުމަށް ވަރަށް މަސައްކަތް ކުރާނެއެވެ. މިކަމުގެ ބޭނުމަކީ އޮޑިބަލަން އަންނަމީހުނާއި އޮޑިއަށް އަރަން އަންނަ މީހުން އިތުރު ކުރުމަށެވެ. މިގޮތަށް ހެދުމުން އޮޑިންކުރެވޭ "ވިޔަފާރި" ރަނގަޅުވެސް ވާނެތީއެވެ. މިތާނގައި ވިޔަފާރިއެއްގެ ވާހަކަ އައި ސަބަބުވެސް މިލިޔުން ވިދާޅުވަމުން ދާވަރަކަށް ދޭހަވަމުން ދާނެއެވެ. ތިރީގައި މިބަޔާން ކޮށްލަނީ މާހެފުން އޮޑި އަޅާއުޅުނުގޮތުގެ ޚުލާޞާއެކެވެ.

މާހެފުން އޮޑި އެޅުން
މިއީ މޫދުގައި މާހެފުންއޮޑި އެޅުމަށް ނޫކަށިފުރައިގެ ޒުވާނުން މަސައްކަތްކުރާގޮތެވެ. އަޅުގަނޑުމެންވެސް މިގޮތަށް ތިން ހަތަރު އަހަރު މާހެފުން އޮޑި އެޅުމުގައި ޢަމަލީގޮތުން ބައިވެރިވެ ތަޖްރިބާތަކެއް ލިބިފައި ވާނެއެވެ.

މާހެފުންއޮޑި އެޅުމަށްޓަކައި މާހެފުން ދުވަހުގެ ގާތްގަނޑަކަށް މަސްދުވަސްކުރިން އޮޑިއެޅުމަށްޓަކައި އެއްޗެހިކަނޑަން ވަލަށް ދާނެއެވެ. ވަލަށްގޮސް ވަރުގަދަ ގަސްގަހުން މުޑިއަށް ވާކަހަލަ ދަނޑި ކަނޑާންޖެހެއެވެ. މިކަމަށްޓަކައި އެންމެ ރަނގަޅީ އުނިގަހާއި ދިއްގާގަހުގެ ދަނޑި ނުވަތަ މުޑިއެވެ. މީގެ އިތުރުން އޮޑީގެ އޮނިގަނޑުގެ ވަށައިގެން ޖެހުމަށްޓަކައި ތަންކޮޅެއް ތަތް ލަކުޑި ހުންނަ ގަސްގަހުން ދަނޑިކަނޑަން ޖެހެއެވެ. މިކަމަށް ދިއްގާގަހުގެ ދަނޑިއަކީ ވަރަށް އެކަށޭނަ ދަނޑިއެކެވެ. މިގޮތަށް ދަނޑިކަނޑަނީކީ ދެތިން ހަތަރު ދަނޑިއެއް ނޫނެވެ. މިހާރު މިފެންނަ ރެޑްމެރެންޓީ ލަނކުޑި ބޮނޑީގެ ދެތިންބޮނޑިހައި މުޑި ނުވަތަ ދަނޑި ކަނޑާން ޖެހެއެވެ. މީގެން ދަނޑިއެއްގެ ދިގުމިނުގައި 15 ވަރަކަށް ފޫޓަށްވުރެން ދިގުމިން ހުންނާން ޖެހެއެވެ. އަދި ޑައިމީޓަރ ނުވަތަ ވަށަމިނުގައި ކޯލާ ދަޅެއްގެ ވަށަމިން ގާތްގަނޑަކަށް ހުންނާންޖެހެއެވެ.

މިދެންނެވި ދަނޑިތައް ނުވަތަ މުޑިތައް ކެނޑުމުގެ އިތުރުން އޮޑީގެ ދެކޮޅު ދެ މައްޔަލަށް ވަރަށް ވަރުގަދަ ދެމުޑި ކަނޑަން ޖެހެއެވެ. މިކަމަށްޓަކައި ފެންފޯއްރުކެއްގެ ފަލަމިން ހުންނަވަރުގެ އުނިގަހުގެ މުޑިއެއް ކަމުދާނެއެވެ. ނުވަތަ ކުދިކަށިކެޔޮ ގަހުގެ މައިގަސްގަނޑު ކަމުދާނެއެވެ. ކޮންމެއަކަސް މިހުރިހާއެއްޗެއް ކަނޑަމުން ދާއިރު ދިއްގާގަހުގެ ތަންކޮޅެއް ޅަކޮށްހުންނަވަރުގެ ދަނޑި، ވަކައިގެ ގޮތުގައި ކަނޑާނެއެވެ. މިވަކަ އަކީ އޮޑި އަޅާއިރު އޮޑީގެ ޕްލެޓްފޯމް (ތައްޓު) ހެދުމަށް ބޭނުންކުރާ އޮށިތައް، އޮޑީގެ އޮނިގަނޑުގެ މަތިކަނަށް އިންނަ ދަނޑިއާއިލައި ގެތުމަށް ބޭނުންކުރާ ވަކައެވެ. މިދެންނެވި ހުރިހައި އެއްޗެއް ކަނޑާ ނިމިގެން މިތަކެތި، އޮޑި އަޅަން ޚިޔާރުކޮށްފައިވާ އަތިރިމަގާއިހަމައަށް ގެންދަނީ މޫދުތެރެއިން ދަމާފައެވެ. މިއީ ދަރުބަނދެގެން ކުރީޒަމާނުގައި ދަރު ގެންދާގޮތަށް ނުވަތަ ލަކުޑި ގެންދާގޮތަށް ކުރާ ކަމެކެވެ. ކޮންމެއަކަސް ކަނޑާފައިހުރި ހުރިހާ މުޑިތަކާއި ދަނޑިތައް މީހުންއުޅޭ ހިސާބަށް ގެންގޮސް އަތިރިމަތީ ހިކިތަނަށް އަރުވާ ނިމޭއިރު އެދުވަހުގެ އަސުރުން ތިރިވެފައި ވުމުން، އެދުހަށް ކަނޑައެޅުނު މަސައްކަތް އެހިސާބުން ކޮށް ނިމުނީއެވެ.

ޖެހިގެން އަންނަދުވަހު ދިޔަވަރުހިކޭވަގުތެއް ބަލާފައި އަތިރިމަގަށް އެންމެން ޖަމާވެ، މަސައްކަތް ފައްޓާނެއެވެ. މިގޮތުން މިދުވަހުގެ މައިގަނޑު މަސައްކަތަކީ އޮޑީގެ ދެ މައްޔާ ބިމަށް ޖެހުމެވެ. ބިމަށް ޖެހުމޭ ދަންނަވާއިރު މިދަންނަވާ ބިމަކީ ބޮޑުދިޔައިގައި ދެތިން ފޫޓަށް ލޮނުގަނޑު އޮންނާނެ ހިސާބުން މޫދުގެ ހުއިގަނޑު މައްޗެވެ. މިގޮތަށް ޖަހާ ދެމުޑިއަކީ އޮޑީގެ ބިންގާ ކަމުގައިވެސް ދެންނެވިދާނެއެވެ. ދިޔަވަރު ހިކިފައި އޮންނަވަގުތު ހުއިގަނޑު މަތީގައި ފާންތިލައާއި އުދަލި ބޭނުންކޮށްގެން ދޮޅު ފޫޓާއި ދެފޫޓުގެ ފުންމިނުގައި ހުންނަ އަދި ވަށަމިނުގައި ދެ މައްޔަލަށް ކެނޑި މުޑިއަށްވުރެން ކުޑަތަންކޮޅެއް ފުޅާ ދެ ވަޅުކޮނެ ދެމުޑި ޖަހައި ނިމުމުން މައްޔާ ޖެހުނީ އެވެ. މިހިސާބުން މޫދުގައި އެދުވަހު ކުރަންހުރި މަސައްކަތް ނިމުނީއެވެ. ސަބަބަކީ މިގޮތަށް މިޖަހާ ދެމައްޔާ ރަނގަޅަށް މޫދު އަޑިން ބިމުގައި ހިފާނީ ދެތިންދުވަސް ވާންދެން ބަހައްޓާލުމުންނެވެ.
މޫދުގައި މާހެފުން އޮޑި އެޅުމުގެ މަރުޙަލާތައް ދެއްކުމަށް ކުރަހާފައިވާ ކުރެހުމެއް
ދެތިންދުވަސް ފަހުން އޮޑީގެ އޮނިގަނޑު ހެދުމަށްޓަކައި ދޯނީގެ ބައްޓަން އިންނަގޮތަށް މުޑިތަކެއް ކައިރިކައިރީގައި ޖަހަން ޖެހެއެވެ. އަދި މި މުޑިތައް ޖަހާނިމިގެން މިޖެހި މުޑިތަކުގެ ބޭރުފަރާތުން މުޑިތަކުގެ ހުރަހަށްވާގޮތަށް ހެޔޮވަރުގެ ދިއްގާ ދަނޑި އައްސައި އޮނިގަނޑު ތައްޔާރުކުރާއިރު ހުންނާނީ ކޮށިގަނޑެއްހެންނެވެ. ނަމަވެސް ބައްޓަން ހުންނާނީ އިހު ދެންނެވިފަދައިން ދޯންޏެއްގެ މަތިން ބަލައިލާއިރު ފެންނާން ހުންނަ ގޮތަށެވެ. މިގޮތަށް ވަށައިގެން އަޅާ ދަނޑިތައް، އެއް ދަނޑި އަނެއްދަނޑިއާއި ދެމެދު ފޫޓެއް ނުވަތަ ދޮޅުފޫޓެއް ހުންނަވަރަށް ބެހެއްޓުމުން ރަނގަޅުވާނެއެވެ. މިހެން ދަނޑިތައް އައްސަނީ ފަލަ ރޯނުންނެވެ. އަދި ހުރިހައި އެއްސުންތަކެއް އައްސަނީވެސް ރޯނުންނެވެ. މިގޮތަށް ދަނޑިތައް އައްސަމުންގޮސް ހެޔޮވަރުމިނެއްގެ އުސްމިނެއްގައި (ދިޔަވަރު އެންމެ ބޮޑުވެފައި އޮންނައިރު ލޮނުގަނޑާއި އެއްމެ މައްތީގައި އައްސާ ދަނޑިއާއި ދެމެދު ފޫޓެއް ހުންނަވަރަށް) މަތިކަން ދަނޑި އައްސައެވެ. މި ދަނޑިއަކީ ކުރިން އެއްސި ދަނޑިތަކަށްވުރެން ވަރުގަދަ ދަނޑިއަކަށް ވާންޖެހެއެވެ. އެހެނީ މި ދަނޑީގެ މަތީގައި ރުކުގެ ހިކިފަނުގެ އޮށި އަތުރައި އެ އޮށިތައް ވަކަބޭނުންކޮށްގެން މަގުލަސް ޖަހައި އައްސަން ޖެހެއެވެ. މިގޮތަށް އަޅާ އޮށިތައް ބަހައްޓަނީ ޖެހިފިތިފައޭ މިބުނާހާވެސް ހިންމި ހެޔޮކޮށެވެ. ކުރެހުމުގައި އެވަނީ މިހާރު މިކިޔާދެވުނު ހިސާބަށް މާހެފުން އޮޑި އަޅާފައިވާތަނެވެ. އޮށިތައް އަތުރައި ގަތާއިރު އޮޑީގެ ކޮޅުންކޮޅަށް އަޅާފައި ހުންނަ ދަނޑިތަކުގައިވެސް މަގުލަސްޖަހައި އައްސަންޖެހެއެވެ. މިކަމަށް ބޭނުކުރަނީ ދިއްގާވަކައެވެ. ކުރެހުމުގައި މި ދެންނެވި ދަނޑިތައް ހިމަނާލެވިފައި ނުވެއެވެ. މުޅި އޮނިގަނޑުގެ މަތީގައި މިގޮތަށް އޮށިތައް ގަތާލުމުން އެއޮތީ އޮޑީގެ ބަހުރުވައިންނަމަ އޮޑީގައި ތައްޓުއެޅިފައެވެ. ނުވަތަ ފްލޯއެއް އެޅިފައެވެ.

މިހިސާބަށް މަސައްކަތްދާއިރު ހިޔާގަނޑު ހެދުމަށް ބޭނުންވާނޭ ތޮށަލިވިޔެ އަވިގައިލާ ކުޑަކޮށް ހިއްކާފައި ހުންނާނެއެވެ. ނަމަވެސް އެ ތޮށަލިތައް އެތުރުމަށް އަނެއްކާވެސް ފްރޭމެއް ނުވަތަ އޮނިގަނޑެއް ހަދަން އެބަޖެހެއެވެ. މި އޮނިގަނޑަކީ ފަނުން ގެއެއް އެޅުމަށް ހަދާއުޅޭކަހަލަ އޮނިގަނޑެކެވެ. މި އޮނިގަނޑު ހަދާނިމިގެން ފުރާޅުގެ ގެހެރި ގަނޑުމަތީގައި ތޮށަލިތައް އަތުރައި ވާރޭ ހިޔާވާހާވަރަށް ތޮށަލިތައް ހެޔޮވަރުކުރަމުން ވަކައިން އަސްކޮޅުޖަހައި (މަގުލަސް ޖަހައި) ގެގަނޑު ހިޔާކުރެއެވެ. އެއަށްފަހު އޮޑީގެ ވަށައިގެން ކޮށިގަނޑެއްހެން ހަދާފައިހުންނަ އޮނިގަނޑުގައިވެސް ތޮށަލި ޖަހާނީއެވެ. މިގޮތަށް ޖަހާ ތޮޔައްޔަށް ކިޔާއުޅެނީ ބަޑި ދޮށަށްޔެވެ. މި އޮޑީގައި ހުންނާނީ ދެ ވަތެވެ. އެއީ ދިރުނބާކޮޅާއި ކޮޅުފަސްކޮޅުގައި ހަދާފައިންހުންނަ ދެވަތެވެ. ދެވަތުގައިވެސް ހުންނާނީ ފެންހެޔޮ ކުރުނބައެވެ.

މާހެފުން ދުވަސް
މާހެފުންދުވަހަކީ މޫދަށް އެރި މަޖާކޮށް މާހެފުން ކެއުމާއި ކުރުނބާ ބުއިމުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްއުޅުނު ދުވަހެކެވެ. މިހާރު މިކަންކަން ފެންނަނީ ވަރަށް މަދުންނެވެ. އެއްގޮތަކަށްވެސް މިކަންކަން ނުފެނެޔޭ ދެންނެވުންވެސް މިހާރު ދޮގަކަށް ނުވާނެއެވެ. މާހެފުން ދުވަހު ހެނދުނަކީ އަސްލު މާހެފުން ހަދާދުވަހެވެ.

މާހެފުން ހެދުން – ދެވަނަ ދުވަސް
ކުރިން ދަންނަވައިލެވުނު މާހެފުނު ހެދިކާގެ އިތުރުން ދެން ހަދާ ހެދިކާއަކީ މާހެފުނުގެ އަސްލު ޙަޤީޤި ހެދިކާއެވެ. މި ދެ މާހެފުނަށް ކިޔަނީވެސް ޚާއްސަ ދެނަމެކެވެ. އެއީ އޮނަފޮޅިއާއި ރުއްބުޑެވެ. މި ދެބާވަތް ތައްޔާރުކުރާގޮތް ތިރީގައި އެވަނީއެވެ. މި ދެބާވަތް ތައްޔާރުކުރަނީ މާހެފުން ދުވަހުއެވެ. ހެނދުނު ނުވައެއް ދިހައެއް ޖަހާއިރު ގޭގޭގެ ބަދިގެތަކަށް ބޯދިއްކޮށްލުމުން އޮނަފޮޅިއާއި ރުއްބުޑެއް ކާލަން ނުލިބޭ ގެއެއް މަދުވާނެއެވެ.

އޮނަފޮޅި: މިނަމަށް ވިސްނާލާއިރު ލާމު އަތޮޅުގެ ބަހުރުވައިގައި އޮނަ އެއީ ފަޅޯގަހުގެ ފަތުގެ އޮނު  ނުވަތަ އޮނުގަހުގެ އޮނެވެ. އޮނަފޮޅި ތައްޔާރުކުރުމަށްޓަކައި މާގިނަ ތަކެއްޗެއް ބޭނުމެއް ނުވެއެވެ. އަދި ބުރަ މަސައްކަތެއް ކުރާކަށްވެސް ނުޖެހެއެވެ. މިކަމަށް ބޭނުންވަނީ ހަނޑުލުފުށް ނުވަތަ އާދައިގެ ފުށެވެ. އަސްލު ރަހަ ނިކުންނާނީ ހަނޑުލުފުށުގައެވެ. ތައްޔާރުކުރުމަށްޓަކައި ހިމުންކޮށްފައިވާ ހަނޑުލުފުށުގެ ތެރެއަށް ކުޑަ ރީނދޫކޮޅެއްލައި ފެންފޮދެއް ޖަހައި މޮޑޭނީއެވެ. ރޮށި ފިހުމަށް މޮޑޭ ފުށްގަނޑު އޮންނަ ވަރަށް މޮޑެލައި ކުދި ކުދި ގުޅަތަކެއް ހަދައި ރޮށިދަމާހެން ދަމާނީއެވެ. އެއަށް ފަހު އޮނުކޮޅެއް ގެ ވަށައިގެން ދަމާފައޮތް ފުށްގަނޑު އޮޅާލައި ފުށްގަނޑުގެ ދެކޮޅު ތަތްކޮށްލާނީއެވެ. އެއަށް ފަހު މަޑުމަޑުން އޮނުގަނޑު ދަމައިގަތުމަށްފަހު ތެލުލާނީއެވެ. މި ތައްޔާރުކުރުމަށް ފުށްގަނޑުމޮޑޭއިރު ފުށްގަނޑަށް ލޮނާއި ތެޔޮ ނުވަތަ ބޯކިރުވިޔަސް އެއްކޮށްގެން ކަމަކުނުދާނެއެވެ.

ރުއްބުޑި:
ރުއްބުޑު ނުވަތަ ރުއްބުޑިއަކީ ރުއްކަނޑާލީމާ ރުކުގެ ބުޑުގަނޑު ހުންނަ ވައްތަރަކަށް އޭގެ ބައްޓަން ނުވަތަ ސިފަ ހުންނަ އެއްޗެކެވެ. ރުއްބުޑި ތައްޔާރުކުރުމަށްވެސް ކުރިން ބުނެވުނުފަދައިން، ނަމަވެސް ފުއްގަނޑުން "ފާދަ" ލެވޭވަރަށް (ކޭކް އައިސިން ބޭގުގެ ނޮޒުލްއިން އައިސިން ނުކުންނަ ގޮތްވާވަރަށް) އޮލަކުރަން ޖެހެއެވެ. ފުށްގަނޑު މޮޑެނިމިގެން ލޯނާއްޓެއްގެ ތެރެއަށް ފުށްގުޅައެއްލުމަށްފަހު އިނގިލިން ފިއްތައިގެން ފާދަލާގޮތަށް އެއްދިމާއަކަށް ފުށްތައް އޮއްސާނީއެވެ. އޭރުން ހުންނާނީ މިސާލުގައި ދަންނަވާލި އައިސިން ބޭގުން އައިސިންތަކެއް އެއްދިމާއަކަށް ފުންޏަކަށް ވާގޮތަށް އެޅުމުން ހުންނާނޭގޮތަށެވެ. މިގޮތަށް ތައްޔާރުކުރެވުނު ފުށްގަނޑުތައް ތެލުލުމުން އެހެރީ ރުއްބުޑި ތައްޔާރުކުރެވިފައެވެ.

މާހެފުން އޮޑިން ކުރާ ވިޔަފާރި
މާހެފުން އޮޑީގެ ކުރުނބާވަތުގައި ހުންނަ ކުރުނބާތައް އެއީ ވިއްކަން ބަހައްޓާފައިހުންނަ ކުރުނބައެވެ. މި ކުރުނބާތައް ގަތުމަށް ބޭނުންކުރާ ފައިސާފޮއްޗެއް ނުހުރެއެވެ. މިކަމަށް ބޭނުންކުރަނީ ގޭގޭގައި ތައްޔާރުކުރި މާހެފުނެވެ. ދިވެހި ކާބަފައިންގެ ޒަމާނުގައި ކޮށްއުޅުނު ބާޓާ ވިޔަފާރި ތަޖްރިބާކޮށްލަންލިބޭ ރަނގަޅު ފުރުސަތަކަށް މިކަން ވެގެން ދެއެވެ. ކުރުނބާ ގަންނަން އަންނަމީހުން އޮޑިއާއި ހަމައަށް ގެންދިއުމަށް ކުޑަބޮއްކުރައެއް ނުވަތަ ކަނދުފައްޗެއް އޮންނާނެއެވެ. އެމީހުން އޮޑިއަށްގޮސް އޮޑިއަށް އަރާ އޮޑިބަލާލުމާއި ކުރުނބާ ބޮއެނިމެންދެން މަޑުކޮށްލުމުގެ ފުރުޞަތުލިބިގެންދެއެވެ. ކުރުނބާގެ އަގުތައް ކަނޑައަޅަނީ ހަކުރުލީ ބަތް ގުޅައަކަށް ކުރުނބައެއް ނުވަތަ އޮނަފޮޅިއަކާއި ރުއްބުޑަކަށް ކުރުނބައެއްފަދަ އަގުތަކެއްގައެވެ.
މާހެފުން ދުވަސް ގިނަފަހަރަށް ދިމާވަނީ ދިޔަވަރު ބޮޑުވާ މޫސުމުގެ އެންމެ ދިޔަވަރު ބޮޑު ދުވަހާއެވެ. އަދި ހަމަ އެހެންމެ މިދުވަހަކީ ރަށުގެ ކުދިބޮޑު އެންމެން މޫދަށްއެރި މަޖާކުރާ ދުވަހެކެވެ. މަޖާކުރުމުގެ ތެރޭގައި ފެންބޮވައިގަތުމުން މާހެފުން އޮޑިން ކުރުނބާ ބޮއެ ހަދައެވެ. މުޅި ދުވަހު ގިނަވަގުތެއް މިގޮތުގައި މޫދުގައި ހޭދަކޮށްލެވެއެވެ.

ދަންނަވައިލެވުނީ ތަންކޮޅެއްކުރިން ފޮނަދޫގައި މާހެފުން ދުވަސް ފާހަގަކުރާއިރު ކޮށްއުޅުނު ބައެއް ކަންކަމުގެ ޚުލާޞާއެކެވެ. މިއީ ހަމަގައިމުވެސް ފޮނަދޫގައި ދާދި އިހަކަށްދުވަހާއި ޖެހެންދެން ކޮށް އުޅު ކަންކަމެވެ. މިއީ ދިވެހިންގެ ރިވެތި އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ނޫނީ ނުވާނެކަން ކަށަވަރު ކަމެކެވެ. އެހަނަސް މިހާރު މިކަންވެސް އުވެމުން ނެތެމުން މިހިރަ ދަނީއެވެ.
(ނިމުނީ)
ތާރީޚް: : [0] ކޮމެންޓްތައް ފާހަގަ:

ރަށު ކޮޅަށް ދިޔުން

ލިޔުނީ: Unknown
ތިޔައިގެ ތެރެއިން ރަށު ކޮޅަށް ގޮސްއުޅެނީ ކިތައް މީހުން ބާވައެވެ. ޚާއްޞަ ގޮތެއްގައި މުލަ ރޯދަ ދުވަހު ފަތިހު ފިންޏާއި އެކު ރަށު ކޮޅަށް ގޮސް އުޅެމުހެއްޔެވެ. ނުވަތަ ގޮސް އުޅުނިން ހެއްޔެވެ. ހަމަ ގައިމުވެސް އަހަރަމެން ކުޑަ އިރު އެގޮތަށް ރަށު ކޮޅަށް ގޮސް އުޅުނީމުއެވެ.

ބަނދެފައިވާ ކުޑަ ދޯންޏެއް ކޮނޑުގައި ޖަހައިގެން ކުޑަކުއްޖަކު ‘ރަށު ކޮޅަށް ދިޔުން’ މިތާންގައި އަޅުގަނޑު މި މާނަ ކުރަނީ ހަމަ އެކަނި ރަށުގެ ކޮޅަށް ގޮސްލާ ވާހަކައެއް ނޫނެވެ. އަޅުގަނޑުމެން ޅައިރު މުލަ ރޯދަދުވަހު ފަތިހު ފިންޏާ ރަށުކޮޅަށް ގޮސް އުޅުނީ މާލެ ދަތުރު ކުރުމަށެވެ. ޙަޤީޤަތުގައި އޭރު އަޅުގަނޑުމެން ފަތިހު ފިންޏާ ދަނީ މާލެއަށެވެ. ފަތިހު ފިންޏާ މާލެ ގޮސް، ވިއްކަން ގެންދާ ދަރާއި، ފަތްކޭލާއި ކުކުޅު ފަދަ ތަކެތި ވިއްކުމަށްފަހު މާލެއިން ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ހަވާދުގެ ބާވަތްތައް ގަނެގެން އެނބުރި ރަށަށް ދަނީ ހެނދުނު އަށެއް ނުވައެއް ޖަހާއިރުއެވެ.

މަޢާފު ކުރާށެވެ. އަހަރެން މޮޔަ ގޮވަނީ ކަމަށް ހީވެދާނެއެވެ. އެހެނަސް އަހަރެން މި ދައްކަނީ ހަމަ ރަނގަޅު ވާހަކަ ތަކެކެވެ. އޭރު އަހަރުމެން މި ބުނި ގޮތަށް މާލެ ގޮސް އުޅުނީމު އެވެ. ނަމަވެސް އެއީ އަހަރުމެން ރަށު ބަހުން ބުނާގޮތަށް ނަމަ ‘ކޮޅެންތާ މާލެ ދިއުމެކެވެ.’ ނުވަތަ ބަތް ކައްކާ ކުޅޭގޮތަށް ކުޅެމުން އައި ކުޅިވަރެކެވެ. މިއަދުގެ ޖީލުތައް ނުދަންނަ ބީރައްޓެހި ވެފައިވާ ކަމެކެވެ.

ރަށު ކޮޅަށް ކުރާ މާލެ ދަތުރު

ރަމަޟާން މަސް އަންނަން ކައިރިވާން ފެށުމުން މާހެފުން ހެދުމާއި މާހެފުން އޮޑި އެޅުމުގެ އާދަކާދައިން ޞަފްޙާއެއް މީގެ ކުރިން ވާނީ ހުށައަޅާ ލެވިފައެވެ. މިފަހަރު ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭތޯ މަސައްކަތް މިކުރަނީ އާދަކާދައެއްގެ ގޮތުން ފޮނަދޫގެ ތިން އަވަށް އޮންނަ އިރު ހަމައެކަނި ބަރާސިލު އަވަށުގައި ކުރިޔަށް ދިޔަ ކުޅިވަރެއްގެ ވާހަކަ އެވެ. އަތޮޅުގެ އެހެން ރަށެއްގައި މި ކުޅިވަރު ނުވަތަ މި އާދަކާދަ ކުރިއަށް ދިޔަކަން މިހާތަނަށް އައިއިރު އެނގިފައެއް ނެތެވެ. މިއީ އަހަރުގެ ކޮންމެ ކޮންމެ ދުވަހެއްގައި ކުޅެމުން އައި ކުޅިވަރެއް ނޫނެވެ. މި ކުޅިވަރު ކުޅެވެނީ އަހަރަކު އެއްފަހަރުއެވެ. ކުރިން ފާހަގަ ކުރިހެން މުލަ ރޯދަ ދުވަހުއެވެ.

ރަށުކޮޅަށް މާލެ ދިއުމަށް ތައްޔާރުވުން

ރަށު ކޮޅަށް ދިއުމަށް ނުވަތަ މާލެ ދިއުމަށް ތައްޔާރުވާން ފަށަނީ ރަމަޟާން މަސް އައުމުގެ ހަފުތާއެއް ނުވަތަ ދެ ހަފުތާއެއް ކުރިންނެވެ. މި ކުޅިވަރަކީ ހަމަ އެކަނި ކުޑަކުދިން ބައިވެރިވާ ކުޅިވަރެއް ނޫނެވެ. ނޫކަށި ފުރާގެ ޒުވާނުންގެ އިތުރުން ތަންކޮޅެއް ހަރުފުރާގެ ބަފައިންވެސް މިކަމުގައި ބައިވެރިވެ އުޅުނުކަން މިތާންގައި ފާހަގަ ކޮށްލަމެވެ.

މާލެ ދަތުރަށް ތައްޔާރު ވުމަށް އެންމެ ފުރަތަމަ ކުރާ މަސައްކަތަކީ އޮޑިއެއް ބަނުމެވެ. އެންމެ މޮޅު އޮޑީގައި ދަތުރު ކުރުމުގެ ނަސީބު ލިބިފައިވާ މާވަޑީންގެ ދަރިން ނުވަތަ ލަކުޑި ކޮށާ މެށުމުގެ ހުނަރު ލިބިފައިވާ ބަފައިންނާއި ބޭބެއިން ތިބޭ ކުދިން ދަތުރު ކުރުމަށް އޮޑި ބަނދެ އުޅުނީ ބަނބުކެޔޮ ގަހުގެ މުލުންނެވެ. ހިކިފައި ހުންނަ ފަލަ ބަނބުކެޔޮ މޫ ހޯދައިގެން އޭގެއިން ދޯނީގެ މަޑޫތައް މަށައިގެން ބަނދެ ނިންމާފައި ހުންނަ ދޯނި ފެންނައިރު ހީވާނީ ވަކަރުން ބަނދެފައިވާ ދޯންޏެއް ކުޑަކޮށްލާފައި ހުންނަ ހެންނެވެ. އެހާވެސް ހުނަރުވެރިކަން އެފަދަ ދޯނިން ފެންނާނެއެވެ.

ބަނބުކެޔޮ މުލުން ބަންނަ ދޯނި އެއީ އެއް ނަންބަރު ދޯންޏަށް ވާއިރު ދެ ނަންބަރު ލިބިގެންދަނީ ކަނދުން ހަދާ ދޯންޏެވެ. ކަނދުން ދޯނި ހަދައި އުޅެނީ ފަލަކޮށް ހުންނަ ކަނދު ބުރިވަރު ކޮށާ މަށައިގެން ދޯންޏެއްގެ ބައްޓަން ގެނެސްގެންނެވެ. ތިން ނަންބަރު ދޯންޏަކީ ބޮޑެތި ކާށި އަޅާ ރުއްރުކުގެ ބޮނބިން ހަދާ ދޯންޏެވެ.

ނުނިމޭ
ލިޔުނީ: Unknown
ފޮނިކާތަކެއްޗަކީ އަޅުގަނޑުމެން ގިނަބަޔަކަށް ވަރަށް ކަމުދާ ކާނާއެއްކަމާމެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. ޚާއްޞަކޮށް މިފަދަ ވިއްސާރަ މޫސުމެއްގައި ފޮނިކާއެއްޗެއް ކާލުމަކީ ވަރަށް ގިނަފަހަރަށް ކުރާހިތްވާ ކަމެކެވެ. ކުރީ ޒަމާނުގައި ވިއްސާރަ މޫސުމާ ދިމާކޮށް ގޭގޭގައި ފުށް ބޮނޑިބަތް ކައްކާ އުޅުނުކަން އުމުރުން ދުވަސްވީ މީހުންނާއި ވާހަކަދައްކާލުމުން އެނގެއެވެ.

އެލްއޭ ނިއުސްގެ ކިޔުންތެރިންނަށް މި ހުށައަޅާލަނީ ފަސޭހަކަމާއެކު ފަސްމިނެޓުން ތައްޔާރުކޮށްލެވޭ އަނގަޔަށް މީރު ޕުޑިންގ އެއް ހަދާނެ ގޮތެވެ. އަޅުގަނޑު މި މީރު ކެއުން މިއަދު އަމިއްލައަށް ހަދައި ތަޖްރިބާ ކޮށްލެވުމުން މީގެ ފުރިހަމަ ކަމުގެ ވާހަކަ ދައްކާނުލާ ހުންނަން ދަތިވާ ވަރުވެއްޖެއެވެ.

މިއީ މިހާރު އަލަށް ތަޢާރަފް ވެފައިވާ 'ކެންޓް ބޮރިންގަރ ބްރޭންޑް' ގެ ޕުޑިންގ ފުށް ޕެކެޓުން ތައްޔާރުކުރާ ޕުޑިންގ އެކެވެ.

ބޭނުންވާނެ ތަކެތި:

1 ކެންޓް ބޮރިންގަރ ޕުޑިންގ ޕުށް ޕެކެޓް (މިވަގުތު ލ. ފޮނަދޫ ހެޓްރިކް ޓްރޭޑްން ލިބެން އެބަހުރި)
3.5 ޖޯޑުގެ މިލްކް ސްކިމް ނުވަތަ ދިޔާކިރު (މިވަގުތު ފޮނަދޫ އެސްޓީއޯ 134 ނަންބަރު ފިހާރައިން ދެ ޕެކެޓް ގަތުމުން 2 ޕެކެޓް ހިލޭ ލިބޭ ޕްރޮމޯޝަންގައި ވިއްކަމުންދާ ކިރު ޕެކެޓް ކަމުދާނެ)

ތައްޔާރުކުރާނެ ގޮތް:
ތެއްޔެއް ނުވަތަ ބޯތައްޓަކަށް ފިނިކޮށްފައިވާ ދިޔާ ކިރުގެ 3.5 ޖޯޑު އެޅުމަށްފަހު އޭގެ ތެރެއަށް ކެންޓް ބޮރިންގަރ ޕުޑިންގ ފުށްޕެކެޓް އަޅާ ރަނގަޅަށް ގިރާށެވެ. އެއަށްފަހު މަޑު ގިނީގައި ރަނގަޅަށް އޮލަވާންދެން ކައްކާށެވެ. (ކެއްކުމަށް ހޭދަވަނީ 5 ވަރަކަށް މިނެޓެވެ.)

ޕުޑިންގ ކެކުމުން ތައްޓަކަށް ނުވަތަ ޓްރޭ އަކަށް އަޅާފައި ހިހޫކުރަން ބަހައްޓާށެވެ. ހިހޫވުމުން ފްރިޖް ކުރުމަށްފަހު އިންސާފު ކުރައްވާށެވެ.
ތާރީޚް: : Saturday, May 11, 2013 [0] ކޮމެންޓްތައް ފާހަގަ:

އަދަބުގެ ތަޢާރަފް

ލިޔުނީ: Unknown
ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލްގެ ދަރިވަރުންކޮޅެއް - ފޮޓޯ: ހަމަދު ސްކޫލް ފޭސްބްކް ޕޭޖް
މިއީ އެސްއެސްސީ އިމްތިޙާނުގެ ދިވަހި ބަސް މާއްދާއަށް ތައްޔާރުވަމުން އަންނަ ދަރިވަރުންނަށް ފަސޭހަޔަކަށް ތައްޔާރުކޮށްފައިވާ ސުވާލައި ޖަވާބު ހިމެނޭ ލިޔުމެކެވެ.
އަދަބުގެ ތަޢާރަފް
1-ދިވެހި ލިޔުންތެރިކަން ބެހިފައިވާ ދައުރުތަކަކީ ކޮބައިހެއްޔެވެ؟
ޖ: އެއީ ޅަފަތުގެ ދައުރާއި، ފިރުކެންފެށި ދައުރާއި، ހިނގައިގަނެވުނު ދައުރެވެ.

2-ލިޔުންތެރިކަމުގެ ޅަފަތުގެ ދައުރުގައި، ލިޔުންތެރިކަމާއި އަދަބަށް ޚިދުމަތްކުރުން އޮތީ ކިހިނެތްހެއްޔެވެ؟
ޖ: ލިޔުންތެރިކަމުގެ ޅަފަތުގެ ދައުރަކީ ލިޔުންތައް ޗާޕުނުވާ ޒަމާނެވެ. އަދަބަށް ޚިދުމަތްކުރުމުގެ ވަކި މަޤްޞަދެއްނެތި ހަމައެކަނި އަތުން ލިޔެގެން ޅެން، ރައިވަރު، ފަރިހިފަދަ ތަކެތި އެދުވަސްވަރު ގެންގުޅުނެވެ.

3-ލިޔުންތެރިކަމުގެ ޅަފަތުގެ ދައުރުގައި ޚިދުމަތްކުރެއްވި ދެ ޚިދުމަތްތެރިއެއްގެ ނަން ލިޔޭ!
ޖ: ބަނޑޭރި ޙަސަން މަނިކުފާނާއި އެދުރު ޢުމަރު މާފަތްކަލޭފާނެވެ.

4-ޅަފަތުގެ ދައުރުގެ ލިޔުންތަކުން އެންމެ ފާހަގަކުރެވޭ 3 ކަމެއް ލިޔޭ!
ޖ: ބޯދާބަސްތައް ގިނަވުމާއި، ޖުމްލަތަކުގެ ނިމުން "ހުށި" "މެއަ" ފަދަ އަކުރުތަކަށް ނިމިފައިހުރުމާއި، ޖުމްލަތައް ދިގުކަމުން ބުނަން އުޅޭ އެއްޗެއް ދޭހަނުވުމެވެ.

5-ބަނޑޭރި ޙަސަންމަނިކުފާނުގެ "ދިޔޯގެ ރައިވަރު" ގެ މައިގަނޑު ޙާދިސާއަކީ ކޮބައިކަން ބަޔާންކުރާށެވެ!
ޖ: އެފޮތުގައިވަނީ ދެއަންހެނެއްގެ ދެމެދުގައި ހިނގި ޚިޔާލީ ހަނގުރާމައެއްގެ ވާހަކައެވެ. އެއީ އިންޑިއާގެ ލަކަނޫގައި އިންނެވި ދިޔޯއަކާއި އެފްރިކާގެ މުސިންބީ ( މޮޒަންބީކް ) ގައި އިންނެވި ދިޔޯއެކެވެ.

6-ދިވެހި ލިޔުންތެރިކަމުގެ ތިންދައުރުގެ ތަފާތު އެންމެ ބޮޑަށް ފެންނަނީ ކޮންކަމަކުންހެއްޔެވެ؟
ޖ: ލިޔުންތައް ޢިބާރާތްކޮށްފައި ހުންނަގޮތުންނެވެ. / ޢިބާރާތްކުރުމުންނެވެ.

7-ލިޔުންތައް ޗާޕްކުރަންފެށީ ލިޔުންތެރިކަމުގެ ކޮން ދައުރެއްގައިހެއްޔެވެ؟
ޖ: އެއީ ލިޔުންތެރިކަމުގެ ފިރުކެންފެށި ދައުރުގައެވެ.

8-ލިޔުންތެރިކަމުގެ ފިރުކެންފެށި ދައުރުގެ ތިން ޚިދުމަތްތެރިއެއްގެ ނަން ލިޔާށެވެ!
ޖ: ނާއިބުތުއްތު، ހުތްޢަލި ދީދީ. ޙުސައިން ޞަލާޙުއްދީން

9-ދިވެހިބަހުން އެންމެ ފުރަތަމަ ލިޔުނު ދިގު ވާހަކައަކީ ކޮބައިހެއްޔެވެ؟ އަދި އެފޮތުގެ މުޞައްނިފަކީ ކޮބައިހެއްޔެވެ؟
ޖ: ރިވާޔަތު މޫސާ ވަޒުލައިޚާއެވެ. ލިޔުއްވީ އަޙްމަދު ކާމިލް ދީދީއެވެ.

10-ކީރިތި ރަސޫލާގެ ސިޔަރަތު / ސީރަތުއް ނަބަވިއްޔާ ދިވެހި ބަހަށް ތަރުޖަމާ ކުރެއްވީ ކޮން އަދީބެއްހެއްޔެވެ؟
ޖ: އައްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ.
11-ތިންބަހާއި ހަބަހުގެ މައްޗަށް ރައިވަރުގެ ހަމަ ހިފެހެއްޓެވީ ކޮން ބޭފުޅެއްހެއްޔެވެ؟ އަދި އެހަމަތަކަށް ފައްތައިގެން އެންމެ ފުރަތަމަ ލިޔެވުނު ރައިވަރު ފޮތުގެ ނަމަކީ ކޮބައިހެއްޔެވެ؟
ޖ: އެދުރު ޢުމަރު މާފަތްކަލޭގެފާނެވެ. ފޮތުގެ ނަމަކީ ބޮޑު ތައުހީދެވެ.

12-ރައިވަރުގެ ހަމަތައް ތިންބަހާއި ހަބަހުގެ މައްޗަށް ހިފެހެއްޓެވުމުގެ ކުރިން ރައިވަރު ހުންނަނީ ކިހިނެއްހެއްޔެވެ؟
ޖ: އޭގެ ކުރިން ރައިވަރު ހުންނަނީ ބައިބަޔަށެވެ. ބަސްތަކުގެ ޢަދަދަކަށް ވަކިވަރެއް ނޯވެއެވެ. އެމީހަކަށް ފެންނަވަރަކަށް ބަސްތައް ހިމަނަމުން ދިޔައީއެވެ.

13-ރައިވަރަކީ ޒަމާނުއްސުރެ ދިވެހިންގެ ހިތުގައި ވަރަށް ޚާއްޞަ ޤަދަރަކާއި ލޯތްބެއް އެއަށް ދެވިފައިވާ އެއްޗެކެވެ. ނަމަވެސް އެކަން ކުޑަވެގެން ދިޔަ ދުވަސްވަރެއް އައެވެ. އެހެންވީ ކީއްވެހެއްޔެވެ؟
ޖ: އެއީ އެއްބަނޑު އެއްބަފާ މީހުންނާއި ގާތްތިމާގެ މީހުންގެ މެދުގައި ކިޔަން ހެޔޮނުވާ ފާޑުގެ ރައިވަރުތައް (ބެރެކި ރައިވަރުތައް) ހަދައިގެން ކިޔަންފެށީމައެވެ.

14-ލިޔުންތެރިކަމުގެ ހިނގައިގަނެވުނު ދައުރުގައި ހިނގާފައިވާ ޚާއްޞަ ކަންތައްތަކަކީ ކޮބައިކަން ބަޔާންކުރާށެވެ!
ޖ: އެއީ ލިޔުންތެރިކަން ފުޅާވެ ތަނަވަސްވެ، ލިޔުންތައް ޗާޕުވުން ޢާއްމުވެގެން ދިޔަ ދައުރެވެ. މަޖައްލާތަކާއި ނޫސްތަކާއި ފޮތްތައް ޗާޕުވެގެން ނުކުންނަމުން ދިޔަ ދުވަސްވަރުވެސް މެއެވެ. އަދި އަދީބުންނާއި ޝާއިރުންނާއި މުޤައްރިރުން އުފެދުނު ދައުރެވެ.

15-ލިޔުންތެރިކަމުގެ ހިނގައިގަނެވުނު ދައުރުގެ ޚިދުމަތްތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ތިން ބޭފުޅެއްގެ ނަންލިޔޭ!
ޖ: މުޙައްމަދު އަމީން. މުޙައްމަދު ޖަމީލް ދީދީ. އިބްރާހީމް ޝިހާބް

16-ސުއްކަތުރާ ހަބަރު، ސިއްކަމޮހަރީ، މިފޮތްތަކުގެ މުޞައްނިފަކީ ކޮންބޭފުޅެއްހެއްޔެވެ؟
ޖ: މިފޮތްތަކުގެ މުޞައްނިފަކީ ނާއިބު ތުއްތުއެވެ.

17-ދިވެހިބަހުން އެންމެ ފުރަތަމަ ލިޔެވުނު ބަހުގެ ޤަވާޢިދުފޮތަކީ ކޮބައިހެއްޔެވެ؟ އަދި އެފޮތުގެ މުޞައްނިފަކީ ކޮންބޭފުޅެއްހެއްޔެވެ؟
ޖ: ތަޤުވީމުއް ލިސާނިއެވެ. ލިޔުއްވީ ނާއިބު ތުއްތުއެވެ.

18-ދިވެހި ކާބަފައިއަދީބުންގެ ލިޔުއްވުންތަކަށް ބަލާއިރު، މިޒަމާނުގެ ވައްތަރު ފުރަތަމައިން ފެންނަންފެށީ ކޮން ބޭފުޅެއްގެ ލިޔުއްވުންތަކަކުން ހެއްޔެވެ؟
ޖ: ނާއިބުތުއްތުގެ ލިޔުއްވުންތަކުންނެވެ.

19-"ޒުހުރުލް ކަމާލާތި ފީއަޙުކާމިލް ޢިބާދާތި" މިފޮތުގެ މުސައްނިފަކީ ކޮންބޭފުޅެއްހެއްޔެވެ؟
ޖ: އަލްޚަޠީބު ޢަލީ އެދުރު ތަކުރުފާނެވެ.
20-ތުޙުފަތުލް ވުލާތު " މިފޮތް ލިޔުއްވީ ކޮންބޭފުޅެއްހެއްޔެވެ؟
ޖ: އައްޝައިޚް ޙާޖީ އެދުރު ކަލޭގެފާނެވެ.

21-އައްޝައިޚް ޙާޖީ އެދުރުކަލޭގެފާނު، ދުޢާތަކާއި ޒިކުރުތަކެއްގެ މައްޗަށް އެކުލެވޭ ފޮތެއް 1133ހ ހާތާނގައި އެކުލަވައިލެއްވިއެވެ. އެ ފޮތުގެ ނަމަނީ ކޮބައިހެއްޔެވެ؟
ޖ: ތުޙުފަތުލް ވުލާތި ފިލް އަޒުކާރި ވައްދަޢުވާތިއެވެ. ( ތުޙުފަތުލް ވުލާތި )

22-ބޮޑުތައުހީދުގައި ހުރީ ކޮންކަހަލަ ވާހަކަތަކެއްޔެއްވެޔެ؟
ޖ: އެފޮތުގައިވަނީ ޤިޔާމަތް މަޙުޝަރުގެ ވާހަކައާއި މަލާއިކަތުންގެ ވާހަކަތެކެވެ.

23-ޖުމުލަތަކުގެ ނިމުން ހުށި، މެއަ، ފަދަ އަކުރުތަކަށް ނިންމާފައިހުރީ ލިޔުންތެރިކަމުގެ ކޮން ދައުރެއްގައިހެއްޔެވެ؟
ޖ: ލިޔުންތެރިކަމުގެ ޅަފަތުގެ ދައުރުގައެވެ.

24-ދިވެހިބަހުގެ ލިޔުންތެރިކަމަށް ބަލާއިރު ކުރީގެ ލިޔުންތަކާއި މިޒަމާނުގެ ލިޔުންތަކާ ހުރި މުހިއްމު 3 ތަފާތެއް ލިޔޭ!
ޖ: 1. މިޒަމާނުގެ ލިޔުންތަކުގައި ބޯދާބަސްތައް ނުހުންނަކަން
    2. މިޒަމާނުގެ ލިޔުންތަކުގެ ޖުމްލަތައް ކުރުކަން
    3. މިޒަމާނުގެ ލިޔުންތަކުހައި ހުށި، މެއަ، ފަދަ އަކުރުތަކަށް ޖުމުލަ ނިމިފައި ނުހުންނަކަން

25-ދިވެހިންގެ ޝައިޚް ޒުބައިރުންކަމުގައި ބުނާ ދެ ބޭފުޅުންނަކީ ކޮބައިހެއްޔެވެ؟
ޖ: 1. (އައްޑޫ ހިތަދޫއަށް އުފަންވި) ބަނޑޭރި ޙަސަން މަނިކުފާނު
    2. (ފުރަމާލެއަށް އުފަންވި) މުޙައްމަދު ޖަމާލުއްދީނު އިބްނުއްނާއިބު އީސަލް މުލަކީ (ނާއިބުތުއްތު) އެވެ.

26-ދިޔޯގެ ރައިވަރު ކުށްވެފައިވަނިކޮށް ކުށް ފިލުވައި އޭގެ މައްޗަށް ޝަރަޙައެއް ލިޔުއްވީ ކޮންބޭފުޅެއްހެއްޔެވެ؟
ޖ: ނާއިބުތުއްތެވެ.

27-ނާއިބުތުއްތުގެ އަސްލުނަމަކީ ކޮބައިހެއްޔެވެ؟
ޖ: އައްޝައިޚް މުޙައްމަދު ޖަމާލުއްދީނު އިބްނުއްނާއިބު އީސަލް މުލަކީ

28-"ޒުހުރުލް ކަމާލާތި ފީއަޙުކާމިލް ޢިބާދާތި" މި ފޮތުގައި ހުރީ ކޮންކަހަލަ ވަހަކަތަކެއްހެއްޔެވެ؟
ޖ: އަޅުކަމާބެހޭ ވާހަކަތައް / ދީނީ ވާހަކަ / ފިޤުހުގެ ވާހަކަ (މީގެތެރެއިން ކޮންމެ ޖަވާބެއްވެސް ރަނގަޅެވެ.)

29-ޗާޕުވެފައިހުރި އެންމެ ކުރީގެ ލިޔުންތަކުގެ ތެރެއިން ފެންނަންހުރީ ކޮންބޭފުޅެއްގެ ޢިބާރާތްތަކެއްހެއްޔެވެ؟
ޖ: އައްޝައިޚް އަޙްމަދު ހާޖީ އެދުރު ކަލޭގެފާނުގެ ޢިބާރާތްތަކެކެވެ.


30-ދިވެހިބަހާއި ބަހުގެ އަދަބަށް ޚިދުމަތްކުރާ މަޖިލިސް އުފެދުނީ ކޮންތާރީޚެއްގައި ހެއްޔެވެ؟
ޖ: 28 ޖެނުއަރީ 1979 ގައެވެ.

31-ދިޔޯގެ ރައިވަރު ފޮތުން ފާހަގަކުރެވޭ ހަ ކަމެއް ލިޔޭ!
ޖ: ހ. ދިވެހިބަހުގެ ޤަވާޢިދުތައް
       ށ. ސިޔާސަތުގެ މޮޅުކަން
    ނ. މެދުޒަމާނުގައި ރަސްކަން ހިނގިގޮތް
    ރ. ނައުފަހަރު ތަކަށާއި އޭގައިކުރާ ކަންތައްތަކަށް ކިޔާ ނަންތައް
    ބ. ޅެންބަސް ކިޔައި އުޅުމުގެ މަގުތައް
    ޅ. ނައުފަހަރު ތަކުގައި ގޮސް ހަނގުރާމަކުރާ ގޮތްތައް

32-ބޮޑުތަރުތީބު ޗާޕުކުރެވުނީ ކޮން އަހަރެއްގައި ހެއްޔެވެ؟
ޖ: 1323ހ ގައެވެ.

33-ދިވެހި އަދަބިއްޔާތުގައި ރައިވަރަށް ވަރަށް އިސްމަގާމެއް ދެވިފައިވެއެވެ. އޭގެ ސަބަބަކީ ކޮބައިހެއްޔެވެ؟
ޖ: އޭގައި ދިވެހިންގެ ސަޤާފަތާއި އާދަކާދައާއި ބަހާއި ދީނާއި ނަސޭހަތްތަކާއި ބަހުގެ އަދަބިއްޔާތު ހިމެނޭތީއެވެ.

34-ކުރީގެ ލިޔުންތެރިންގެ ޢިބާރާތްތަކާއި މުޙައްމަދު އަމީންގެ ޢިބާރާތްތަކާ ހުރި ތަފާތުތަކެއް ލިސްޓްކުރޭ!
ޖ: 1. ޢިބާރާތްތަކުގެ ސާދާކަން
    2. ސިފަކުރުމުގެ ބައި ބޮޑުކަން
    3. އޮޅުންފިލާލެއް ފަސޭހަކަން
    4. ޢިބާރާތްތައް ފަށުވިކަން
    5. ބަސްމަގުގެ ފޮނިކަމާއި އަސަރުގަދަކަން

35-ޗާޕުވެފައިހުރި ލިޔުންތަކުގެ ތެރެއިން އެންމެ ކުރީގެ ޢިބާރާތްކޮޅެއް ފެންނަން އޮތީ ކޮން ލިޔުމަކުންހެއްޔެވެ؟ އަދި އެފޮތުގައި ވަނީ ކޮން ވާހަކަތަކެއްހެއްޔެވެ؟
ޖ: އައްޝައިޚް އަޙްމަދު ހާޖީ އެދުރު ކަލޭގެފާނު ލިޔުއްވި ތުޙުފަތުލް ވުލާތި ފީ އަޒުކާރި ވައްދަޢުވާތިންނެވެ. މިފޮތުގައި ހުރީ ދުޢާތަކާއި ޒިކުރުތަކުގެ ވާހަކައެވެ.

36-ލިޔުންތެރިކަމުގެ ފިރުކެންފެށި ދައުރުގައި އުޅުއްވި 3 އަދީބެއްގެ ނަން ލިޔޭ!
ޖ: 1. ނާއިބުތުއްތު
    2. ޙުސައިން ޞަލާޙުއްދީން
    3. ހަކުރާ މަނިކުފާނު

37-ދިވެހި އަދަބިއްޔާތުގައި "ޝާއިރުއްޝަބާބު" ގެ ނަން ދެވިފައިވަނީ ކޮން އަދީބަކަށްހެއްޔެވެ؟
ޖ: އިބްރާހީމް ޝިހާބެވެ.

38-ޅަފަތުގެ ދައުރަކީ ލިޔުންތައް އަތުން ލިޔެގެން އުޅުނު ޒަމާނެވެ. މިޒަމާނުގައި ލިޔެފައިވާ ރައިވަރު ފޮތްތަކުގެ ތެރެއިން ތިން ފޮތެއްގެ ނަން ލިޔޭ!
ޖ: 1. ބޮޑުތާހީދު / ބޮޑުތައުހީދު
    2. ދިޔޯގެ ރައިވަރު
    3. އަރިއަތޮޅު އަރުމާދު

39-ނައިބުތުއްތު ޞިއްޙަތާ ބެހޭގޮތުން ލިޔުއްވި ފޮތަކީ ދިވެހި އަދަބުގައި ފާހަގަކޮށްލެވޭ ފޮތެކެވެ. އެއީ ކޮންނަމެއް ކިޔާ ފޮތެއްހެއްޔެވެ؟
ޖ: މިންހަތުލް މަންނާން ފީ ޤަވާޢިދު އިޞްލާޙުލް އަބްދާނި އެވެ. (މިންހަތުލް މަންނާނު)

40-ދިވެހި އަދަބިއްޔާތުގައި "އުޖާލާވި ރަންތަރި" މިނަން ދެވިފައިވަނީ ކޮން އަދީބަކަށްހެއްޔެވެ؟
ޖ: މުޙައްމަދު ޖަމީލަށެވެ.

41-ލިޔުންތެރިކަމުގެ ފިރުކެންފެށި ދައުރު ޚާއްޞަވަނީ ކީއްވެހެއްޔެވެ؟ އަދި އެދައުރުގެ 3 ޚިދުމަތްތެރިއެއްގެ ނަން ލިޔޭ!
ޖ: 1. ނާއިބު ތުއްތު
    2. ހުތްޢަލިދީދީ
    3. ޙުސައިން ޞަލާޙުއްދީން

42-އަދަބީ ލިޔުންތެރިން ދެކެލައްވާ ގޮތުގައި ޢިބާރާތްކުރުމުގެ ބަސްމަގަށް މިޒަމާނުގެ ކުލަވަރު އައިސްފައިވަނީ ނާއިބުތުއްތުގެ ލިޔުއްވުންތަކުންނެވެ. އެބޭފުޅުން މިގޮތަށް ދެކެވަޑައިގަންނަވާ ސަބަބަކީ ކޮބައިހެއްޔެވެ؟
ޖ: ކުރީގެ ޢިބަރާތްތަކާ ބަލާފައި އެބަޔާންކުރައްވާ ވާހަކަތައް ފަސޭހައިން ދޭހަވާތީއެވެ. އޭރާ ބަލާފައި ޢިބާރާތްތަކުގެ މާނަ ދޭހަކުރަން ފަސޭހަވީމައެވެ.

43-ދިވެހި އަދަބިއްޔާތުގައި ރައިވަރަށް ދީފައިވާ މަޤާމް އުވި ދިޔައީ ކީއްވެހެއްޔެވެ؟
ޖ: އެއީ ރައިވަރުތަކުގައި ލޯބީގެބައި ހުތުރުވާވަރަށް ގެންގޮސްފައި ހުންނާތީއެވެ. ލަދު ވާހަކަތައް / އައްޔާޝީ ވާހަކަތައް ހިމެނުމުންނެވެ. އެބާވަތުގެ ރައިވަރަށް ކިޔަނީ ބެރެކި ރައިވަރެވެ. މިފަދަ ރައިވަރު ކިޔާއުޅެނީ އަވަށާ ދުރު ހިސާބުގައެވެ. ދަތުރުމަތީގައެވެ. ކަނޑުމަތީގައެވެ.

44-"ބޮޑުތަރުތީބު" މި ފޮތް ލިޔުއްވި ލިޔުންތެރިޔާ މިފޮތަށް ދެއްވި ނަމަކީ ކޮބައިހެއްޔެވެ؟
ޖ: ޒުހުރުލް ކަމާލާތި ފީ އަޙުކާމިލް ޢިބާދާތި

45-ވާހަކަކޮމިޓީއަކީ ކޮންކަމެއް ކުރުމަށް އުފެއްދެވި ކޮމިޓީއެއްހެއްޔެވެ؟ އަދި އެކޮމިޓީ އުފެއްދެވީ ކޮންފަރާތަކުންހެއްޔެވެ؟
ޖ: އެއީ އޭރު މާލޭގައި އަތުން ލިޔެގެން ގެންގުޅެމުންއައި ވާހަކަތައް ކިޔައި ފާސްކުރުމަށްޓަކައި އުފެއްދެވި ކޮމިޓީއެކެވެ. އެ ކޮމިޓީ އުފެއްދެވީ މަޙުކަމަތުއް ދާޚިލިއްޔާގެ ފަރާތުންނެވެ.

46-ތިންބަހާއި ހަބަހުގެ މައްޗަށް ރައިވަރުގެ ހަމަ ހިފަހައްޓަވައި  އެގޮތަށް ރައިވަރު ހައްދަވަން އެންމެ ފުރަތަމަ ފެއްޓެވީ ކޮން ބޭފުޅެއްހެއްޔެވެ؟ އަދި މިގޮތަށް ހަމަ ހިފަހައްޓަވައި ފުރަތަމަ ލިޔުއްވީ ކޮން ފޮތެއްހެއްޔެވެ؟ އަދި އެފޮތުގައި ވަނީ ކޮން ބާވަތެއްގެ ވާހަކަތަކެއްހެއްޔެވެ؟
ޖ: އެދުރު ޢުމަރު މާފަތްކަލޭގެފާނެވެ. ލިޔުއްވީ ބޮޑުތާހީދެވެ. އޭގައިވަނީ ސުވަރުގެއާއި ނަރަކައާއި ޤިޔާމަތް މަޙްޝަރު ދުވަހުގެ ވާހަކަތަކާއި މަލާއިކަތުންނާއި ދީނުގެ ޢަޤީދާއާބެހޭ ވާހަކަތަކެވެ.

47-ކުރީގެ ލިޔުންތަކާއި މިޒަމާނުގެ ލިޔުންތަކާ އަޅާބަލާއިރު ވަރަށް ބޮޑެތި ތަފާތުތަކެއް އައިސްފައިވާތަން ފެނެއެވެ. އެ ތަފާތުތައް ބަޔާންކޮށް 5 ފޮޅުވަތާއި 7 ފޮޅުވަތާ ދެމެދުގެ ޕެރެގްރާފެއް ލިޔޭ!
ޖ: ކުރީގެ ލިޔުންތަކުގައި ބޯދާބަސްތައް ގިނައިން ހިމެނެއެވެ. ނަމަވެސް މިހާރު ބޯދާބަސްތަކެއް ނުހުރެއެވެ.  މިޒަމާނުގެ ލިޔުންތަކުގައި ޖުމްލަތައް ކުރެވެ. ދޭހަކުރަން ނުހަނު ފަސޭހަވެފައި ލިޔުންތެރިޔާގެ މަންޒިލާއި މުރާދާ ހަމައަށް ވަރަށް ފަސޭހަކަމާއެކު ވާޞިލުވެއެވެ. ހުށި، މެއަ، ފަދަ އަކުރުތަކަށް ޖުމުލަތައް ނިންމާފައެއް ނުހުރެއެވެ. މިހާރުގެ ލިޔުންތަކުގެ ޖުމްލަތައް ނިންމާފައިހުންނަނީ 'އެވެ. ށެވެ.' ފަދަ އަކުރުތަކަށެވެ. ބަސްތައް ނުހަނު ފަސޭހައިން ކިޔައިލެވެއެވެ. އަދި ޖުމްލަތައް ކުރުވެފައި އަސަރުގަދައެވެ.

48-ދިވެހި އަދަބިއްޔާތުގެ ތިން ދައުރުގެ ލިޔުންތަކަށް ފާޑުކިޔުމުގައި ބަލަންވީ ކަންތައްތަކުގެ ތެރެއިން ދެކަމެއް ބަޔާންކުރޭ!
ޖ: އިބާރާތުގެ އެތުރުން. ޖުމްލަތަކުގެ ދިގު ކުރުމިން. ބޭނުންކޮށްފައި ހުންނަ ބަސްމަގާއި ބަސްތަކުގެ ސާދާކަން. ސިފަކުރުން ހުރިގޮތް

49-ދިވެހިބަހުގެ ފަތިހުގެ ތަރިއަކީ ކޮންބޭފުޅެއްހެއްޔެވެ؟
ޖ: ޙުސައިން ޞަލާހުއްދީނެވެ.

50-ޖުމްލަތައް ނިންމުމުގައި ހުށި މެއަ ފަދަ އަކުރުތައް ގިނައިން ބޭނުންކޮށްފައި ވަނީ ލިޔުންތެރިކަމުގެ ކޮން ދައުރެއްގައި ހެއްޔެވެ؟
ޖ: ޅަފަތުގެ ދައުރުގައެވެ.

51-ދިވެހި ބަހުގެ އަދަބީ ޙަރަކާތްތައް ފެށިފައިވަނީ ކޮން ދައުރެއްގައިހެއްޔެވެ؟
ޖ: ހިނގައިގަނެވުނު ދައުރުގައެވެ.

52-އަލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި އުފެދުނު ވާހަކަ ކޮމިޓީން އަތުން ލިޔެގެން ނެރުނު މަޖައްލާގެ ނަމަކީ ކޮބައިހެއްޔެވެ؟
ޖ: " އައްރަފީޤް" އެވެ.

53-ވާހަކަ ކޮމިޓީން އިންތިޒާމްކުރި ބަހުސްކުރަން ސަރުކާރުގެ ބޮޑު ނައުކޮޅު 'އަތިއްޔަތުއްރަޙްމާނަށް' ދިޔަ ސަބަބަކީ ކޮބައިހެއްޔެވެ؟
ޖ: ސަރުކާރުގެ ކުރިއަށް ތިއްބެވި ބޭފުޅުން ދެބަސްވެވަޑައިގެން ދެކޮޅުވެރިކަމެއް އުފެދިގެން އުޅޭކަމަށް ޢާއްމުންނަށް ހީވެދާނެތީއެވެ.

54-ފުރަތަމަ އުފެދުނު ބަސްކޮމިޓީގެ މަސައްކަތަކީ ކޮބައިހެއްޔެވެ؟
ޖ: ދިވެހި ބަސްފޮތް ލިޔަންފެށުމެވެ.

55-ދިވެހި އަދަބިއްޔާތުގައި ހިމެނޭ ބައިތަކުގެ ތެރެއިން ދިވެހީންގެ ދިރިއުޅުން އެންމެ ރަނގަޅަށް ދައްކުވައިދޭ ބާވަތަކީ ކޮބައިހެއްޔެވެ؟
ޖ: ދިވެހި އަދަބީ ރައިވަރެވެ.

56-ދިވެހި ބަހުން އެންމެ ފުރަތަމަ ލިޔެވުނު ދެ ވާހަކައިގެ ނަން ތަރުތީބުން ލިޔޭ!
ޖ: ރިވާޔަތު މޫސާ ވަޒުލައިޚާ އާއި ދޮންބީފާނު ވާހަކަ

57-ދޮންބީފާނު ވާހަކަ ލިޔުއްވީ ކޮންބޭފުޅެއްހެއްޔެވެ؟
ޖ: ޙުސައިން ޞަލާޙުއްދީނެވެ.

58-ދިވެހި ޅެންވެރިކަމުގެ (ވަޒަން ބަހުރުވައިގެ) ބައިތަކަކީ ކޮބައިހެއްޔެވެ؟
ޖ: ބަނދި، ކާ، ފަރިހި، ރައިވަރު، ޅެން، އަންބާ، ލަވަ (ހަނދާނުގައި ހަރުލެއްވުމަށް 'ބޮކިފުރާޅުއަލި' ހަނދާންކުރެވިދާނެއެވެ. މި ލަފުޒުގައިވާ ކޮންމެ އަކުރަކީ އެބައިތަކުގެ ކޮންމެ ބައެއްގެ ފެށޭއަކުރެވެ.)

59-ޝައިޚު ޒުބައިރަކީ ކިހިނެއް އުފެދުނު ނަމެއްހެއްޔެވެ؟
ޖ: ޝޭކްސްޕިއާ މިނަން މިޞްރުގެ ކިޔަވާކުދިން ކިޔަމުން ދިޔަ ދިޔުމެއްގައި އެކުދިންނަށް ކިޔުނު ނަމެއްކަމުގައި ޞަލާޙުއްދީން ވިދާޅުވެއެވެ.

60-ޝައިޚު ޒުބައިރުގެ ނަމުން ނަން ދެވިފައިވާ ފޮތް ލިޔުއްވީ ކޮން ބޭފުޅެއް ހެއްޔެވެ؟ އަދި އެފޮތުގައި ވަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟
ޖ: އެފޮތް ލިޔުއްވީ ޙުސައިން ޞަލާޙުއްދީނެވެ. އޭގައިވަނީ ބަނޑޭރި ޙަސަން މަނިކުފާނުގެ ދިޔޯގެ ރައިވަރާއި އަރިއަތޮޅު އަރުމާދު ރައިވަރު ފޮތާއި ނާއިބުތުއްތުގެ ސިއްކަމޮހަރީއާއި ސުއްކަތުރާ ހަބަރާއި ތަޤްވީމުއްލިސާނިއެވެ. މިފޮތްފޮތުގައި ހުރި ރައިވަރުތަކުގެ މޮޅުކަމުގެ މައްޗަށް ލިޔެފައިހުރި ވާހަކަތަކެވެ.

61-ކުރީޒަމާނުގެ ލިޔުންތަކާއި އަޅާބަލާއިރު ދިވެހި ބަހުގެ ޢިބާރާތްތަކަށް މިހާރު ވަރަށްބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. މިބަދަލުތައް އައުމަށް މެދުވެރިވީ ސަބަބުތަކަކީ ކޮބައިހެއްޔެވެ؟
ޖ: ތަރައްޤީވެ ކުރިއެރުމާއި ބޭނުންތައް ތަފާތުވުމާއި އިނގިރޭސި ތޢުލީމު (ޒަމާނީ ތަޢުލީމް) އުނގެނެން ފެށުމެވެ.

62-ބަނޑޭރި ޙަސަން މަނިކުފާނާއި ނާއިބުތުއްތުގެ އަދަބީ ލިޔުއްވުންތަކުގެ މައްޗަށް އެކުލެވޭ ފޮތެއް ޙުސައިން ޞަލާޙުއްދީން ޝާއިޢުކުރެއްވިއެވެ. މިފޮތަށް ޝޭޚުޒުބައިރުގެ ނަމުން ނަންދެވުނީ ކީއްވެހެއްޔެވެ؟
ޖ: އެއީ އެދެބޭފުޅުންގެ ލިޔުންތައް އެއްކޮށްލުމުން ދިވެހި ޝޭކްސްޕިއަރއެއް އުފެދުނީކަމަށް ލިޔުންތެރިޔާ ދެކެވަޑައިގަންނަވާތީއެވެ.

63-ދިވެހި އަދަބިއްޔާތުގެ ބާވަތްތަކުގެ ތެރެއިން ދިވެހިބަހުގެ އަޞްލު އުސޫލުތަކާއި ބަހުގެ ހަމަތައް އެންމެ ރަގަޅަށް ފެންނަންހުރީ ލިޔުންތެރިކަމުގައި ހިމެނޭ ކޮން ބާވަތަކުންހެއްޔެވެ؟
ޖ: ދިވެހި އަދަބީ ރައިވަރުތަކުންނެވެ.

64-ނާއިބުތުއްތު ދިވެހި އަދަބިއްޔާތަށް ކުރައްވާފައިވާ ޚިދުމަތްތައް ބަޔާންކޮށް 5 ފޮޅުވަތުގެ ޕެރެގްރާފެއް ލިޔޭ!
ޖ: އަދަބީ ރައިވަރުތަކެއް ހެދުން. ދިޔޯގެ ރައިވަރު ޝަރަޙަ ލިޔުއްވުން. ތާނަލިޔުމުގެ ޤަވާޢިދު ފޮތެއް ލިޔުއްވުން. "ތަޤުވީމުއްލިސާނި" ދިވެހިބަހުގެ ޤަވާޢިދު ފޮތެއް ލިޔުއްވުން. ޞިއްޙަތާބެހޭ ފޮތެއް ލިޔުއްވުން. ތުއްތު ތަރުތީބުގެ ނަމުން ނަންދެވުނު ދީނީ ފޮތެއް ލިޔުއްވުން. (މިނުކުތާތައް ހިމަނައިގެން ޕެރެގްރާފެއް އެކުލަވާލެވިދާނެއެވެ. )

65-މިޒަމާނުގެ ލިޔުންތައް ބިނާކޮށްފައި ހުންނަނީ ކިހިނެއްހެއްޔެވެ؟
ޖ: ކިޔާމީހާއަށް ލިޔުންތެރިޔާގެ މަންޒިލާއި މުރާދާހަމައަށް ފަސޭހައިން ވާޞިލްވެވޭނެ ފަދަ ގޮތަކަށެވެ. ލިޔުންތަކުގައި ހުންނަ ޢިބާރާތްތައް ކިޔާލުމުން ފަސޭހައިން ދޭހަވާގޮތަށެވެ.

66-ޙުސައިން ޞަލާޙުއްދީން ލިޔުއްވި 3 ފޮތުގެ ނަން ލިޔޭ!
ޖ: ކީރިތި ރަސޫލާގެ ސިޔަރަތު / ބޮޑުތަކުރުފާނު ވާހަކަ / ދޮންބީފާނު ވާހަކަ

67-ދިވެހި ބަހުން އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ ކޮންބޭފުޅެއް ހެއްޔެވެ؟
ޖ: މައުލަވީ ހުތްޢަލިދީދީ އެވެ.

68-ދިވެހި އަދަބިއްޔާތުގައި ހުތްޢަލީދީދީއަށް އެހައި ޚާއްޞަ މަޤާމެއް ދެވެނީ ކީއްވެހެއްޔެވެ؟
ޖ: މިހާރު މިހުންނަގޮތަށް ދިވެހިބަހުން އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ އޭނާ ކަމަށްވާތީއެވެ.

69-" ލޯބި އެންމެ ލޯބީ ކަރުނައިގެ ތެރޭގައި " މިފޮތް ލިޔުއްވީ ކޮންބޭފުޅެއް ހެއްޔެވެ؟
ޖ: މުޙައްމަދު އަމީނެވެ.

70-ދިވެހި ބަހަށް ޚިދުމަތްކުރާ ކޮމިޓީ އުފެދުނީ ކޮން ތާރީޚެއްގައި ހެއްޔެވެ؟
ޖ: 2 ރަމަޟާން 1365 ގައެވެ.

71-ބަސްކޮމިޓީ އުފެދުނީ ކޮން ކޮމިޓީއަކުންހެއްޔެވެ؟
ޖ: ދިވެހި ބަހަށް ޚިދުމަތްކުރާ ކޮމިޓީންނެވެ.

72-ލިޔުންތެރިކަމުގެ ހިގައިގަނެވުނު ދައުރުގައި މުޙައްމަދު އަމީން ލިޔުއްވި " ލޯބި އެންމެ ލޯބީ ކަރުނައިގެ ތެރޭގައި " މިއީ ކޮންކަހަލަ ވާހައެއްހެއްޔެވެ؟
ޖ: ލޯބީގެ ވާހަކައެކެވެ.

73-ޢަލީ އެދުރު ތަކުރުފާނު ލިޔުއްވި "ޒުހުރުލް ކަމާލާތި ފީ އަޙުކާމިލް ޢިބާދާތި" މިފޮތަށް ކިޔާ ދިވެހި ނަމަކީ ކޮބައިހެއްޔެވެ؟ ނުވަތަ ދިވެހިންގެ ތެރޭގައި މިފޮތް މަޝްހޫރުވެފައިވަނީ ކޮން ނަމެއްގައި ހެއްޔެވެ؟
ޖ: ބޮޑުތަރުތީބުގެ ނަމުގައެވެ.

74-ޝާޢިރުންނާއި މުޤައްރިރުން އުފެދުނީ ލިޔުންތެރިކަމުގެ ކޮން ދައުރެއްގައި ހެއްޔެވެ؟
ޖ: ހިނގައިގަނެވުނު ދައުރުގައެވެ.

75-ދިވެހި ބަހަށް ޚިދުމަތްކުރާ ކޮމިޓީ އުފެދުނީ ކޮން ކޮމިޓީއަކުން ހެއްޔެވެ؟ އަދި އެއީ ލިޔުންތެރިކަމުގެ ކޮން ދައުރެއްގައި ހެއްޔެވެ؟
ޖ: ވާހަކަ ކޮމިޓީންނެވެ. ހިނގައިގަނެވުނު ދައުރުގައެވެ.

76-މުޙަމަދު އަމީން ލިޔުއްވި ދެފޮތެއްގެ ނަން ލިޔޭ!
ޖ: ލޯބި އެންމެ ލޯބީ ކަރުނައިގެ ތެރޭގައި. ސައްޔާޙެއްގެ ޔައުމިއްޔާގެ ގަނޑެއް. ދިވެހިރާއްޖެ ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގައި.

77-ދިވެހި ޅެންވެރިކަމުގެ އެންމެ ކުރީގެ ބާވަތަކީ ބަންޖެވެ. ބަނދީގެ ދިގުމިނަކީ ކޮބައިކަމާއި އަދި ބަނދީގެ ވަޒަނަކީ ކޮބައިކަން ހާމަކުރާށެވެ!
ޖ: ބަނދީގައި ވަކި ދިނުމިނެއް ނޯވެއެވެ. ވަޒަނަކީ ބާރަ ފިލީގެ ވަޒަނެވެ.

78-ބަނދީގެ ދެބާވަތަކީ ކޮބައި ހެއްޔެވެ؟
ޖ: އެއީ ޅަކުދީން ލޮއްސާން / ކުޅިވަރު / ފޫހިފިލުވާން ކިޔައިއުޅޭ ބަންޖާއި ފަންޑިތައަށް ކިޔައިއުޅޭ ބަންޖެވެ.

79-ދިވެހި އަދަބިއްޔާތުގެ ދައުރުތަކަށް ބަލާއިރު އެންމެ ކުރީގެ ލިޔުންތަކުގައި ޢަރަބިބަސް ގިނަކަން ފާހަގަ ކުރެވެއެވެ. މިކަމަށް މެދުވެރިވި ސަބަބަކީ ކޮބައިހެއްޔެވެ؟
ޖ: އޭރު ބަހަށް ޚިދުމަތްކުރެއްވި އަދީބުންނަކީ ޢަރަބިބަހުން ތަޢުލީމު ޙާޞިލް ކުރައްވައިގެން ތިއްބެވި ޢިލްމުވެރިން ކަމަށްވާތީއެވެ.

80-މިހާރު މިހުންނަގޮތަށް އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ މަރުޙޫމް ހުތްޢަލިދީދީއެވެ. އެއަށްފަހު އެގޮތަށް ޅެން ހައްދަވަން އެދުވަސްވަރު ފެއްޓެވީ ކޮން ޝާޢިރުންނެއް ހެއްޔެވެ؟
ޖ: ވާހަކަގޭ ދޮންތުއްތު / އެއްގަމުގޭ އަޙްމަދު ދީދީ / ސީދީގޭ ޢަލިދީދި އެވެ.

81-އަރުމާދު ރައިވަރުގައިހުރީ ކޮންކަހަލަ ވާހަކަތަކެއްހެއްޔެވެ؟ އަދި އެފޮތް ލިޔުއްވީ ކޮންބޭފުޅެއްހެއްޔެވެ؟
ޖ: އެފޮތުގައި ހުރީ އޭރު ރަދުން އަރިއަތޮޅަށް ކުރެއްވި ދަތުރުގެ ވާހަކަތަކެވެ. އެއީ ދަތުރުނާމާ އެކެވެ. ލިޔުއްވީ ބަނޑޭރި ޙަސަން މަނިކުފާނެވެ.

82-ބަނޑޭރި ޙަސަންމަނިކުފާނާއި އެދުރު ޢުމަރު މާފަތްކަލޭގެފާނުގެ އަދަބީ ޚިދުމަތްތައް ބަޔާންކުރޭ!
ޖ: ބަނޑޭރި ޙަސަންމަނިކުފާނު ދިޔޯގެ ރައިވަރު ފޮތާއި އަރިއަތޮޅު އަރުމާދު ރައިވަރުފޮތް ލިޔުއްވިއެވެ. އެދުރު ޢުމަރު މާފަތްކަލޭގެފާނު ބޮޑުތައުހީދު ލިޔުއްވިއެވެ.

83-ތިރީގައިވާ ދެ ޢިބާރާތުން އަންނަނިވި ކަންތައްތައް ހުރި ނެތްގޮތް ބަލާށެވެ.
ދޭހަވުން
ޖުމްލަތަކުގެ ނިމުން
ބަސްކޮށާރު

ޢިބާރާތް 1 :
ވަކަރިހޫ.، ޒީނަތްތެރިކަން ފައުޅުވާ ކަމަށްޓަކައި ކުލަކުލައިގެ ފޭރަމާއި ފަށުވި ފޭރާމުން އަންހެނާ ކަފުންކުޅައިން މަކުރޫހަ ވާހުށި، ވަޤަލަހޫ، ކަފުނުގެ މަދުމިނީ ދިރިހުރި މީހަކުގެ ޢައުރަ ނިވާކުރާ ފަދައިން މައްޔިތާގެ ޢައުރަ ނިވާކޮށްފަނިވި އެއް ފޭރާމެވެ. ފަހެ، އަންހެނާއި ފިރިހެނާ ދެމީހުންގެ ކަފުން އައުރަ ނިވާކުރާ ހިސާބު މިންވަރު ކުރުމުގައި އެދެމީހުންގެ ޢައުރަ ތަފާތުވީގޮތުން ތަފާތުވާހުށި.
(ނޯޓް) ވަކަރިހޫ: އެބައި މީހުންނަށް މަކުރޫޙަ ކަންކަން / ނުރުހޭ ކަންކަން
ޢިބާރާތް 2 :
ޖޫލިޔާގެ އަސްލު ނަމާއި "ޖޫލިޔާ" އަކާގުޅުމެއް ނެތެވެ. ޖޫލިޔާއަކީ ސްކޫލް ދައުރުގައި ކުޅުނު ޑްރާމާއެއްގެ ސަބަބުން ލިބުނު ނަމެކެވެ. އެ ޑްރާމާގައި ޖޫލިޔާއަކީ ޖޫލިއަޓެވެ. ރީތިކަމާއި އަޅައިގަންނަ ސިފަތަކެއްގެ ސަބަބުން، ރޯމިއޯ އެންޑް ޖޫލިއަޓުގެ އެރޯލު ލިބުނީއެވެ. ދުލަށް ފަސޭހަ ކުރުމަށްޓަކައި އެނަން ޖޫލިޔާއަށް ބަދަލުކުރީ އޭނާގެ އެކުވެރިންނެވެ. ކްލާސް ކުދިންނެވެ. އެނަމުގެ ސަބަބުން ޖޫލިޔާއަށް މީހުން ބަލާ ބެލުން ތަފާތުވިއެވެ. ކިބުރުވެރިކަން ނެތުމާއި ފަހުގެ ފެޝަންތަކަށް ލޯބިކުރުމާއި ހަލަބޮލި މިޒާޖުގެ ސަބަބުން ލޯތައް ދަހިވެތިކުރުވައެވެ.
ޖ: ފުރަތަމަ އިބާރާތުގެ ދޭހަކުރުމަށް ބަލާއިރު އޭގައި ބުނާ ވާހަކައެއް އޮޅުންފިލަން ވަރަށް ދައްޗެވެ. އެކަމަކު ދެވަނަ ޢިބަރާތުގައި ބުނަން އުޅޭ އެއްޗެއް ވަރަށް ރަގަޅަށް ދޭހަވެއެވެ. ފުރަތަމަ ޢިބާރާތުގެ ޖުމްލަތަކުގެ ނިންމުމަށް ބަލާއިރު ބައެއް ޖުމްލަތައް "ހުށި" މިހެން ބޭނުންކޮށްގެން ނިންމާފައިހުރިކަން ފާހަގަކުރެވެއެވެ. ނަމަވެސް ދެވަނަ ޢިބާރާތުގެ ޖުމްލަތައް ނިންމާފައި ހުރީ "އެވެ" "ނެވެ" މިފަދަ އަކުރުތަކުންނެވެ. ފުރަތަމަ ޢިބާރާތުގެ ބަސްކޮށާރަށް ބަލާއިރު ޢަރަބިބަސްތަކާއި ބޯދާ މުސްކުޅި ބަސްތައް ގިނަކަން ފާހަގަކުރެވެއެވެ. އެއާ ޚިލާފަށް ދެވަނަ ޢިބާރާތުގައި ހުރީ ވިސްނައިގަންނަން ފަސޭހަ ބަސްތަކެކެވެ. ފުރަތަމަ ޢިބާރާތާ ޚިލާފަށް ދެވަނަ ޢިބާރާތުގައި އިނގިރޭސި ބަސްތައް ގިނަކަންވެސް ފާހަގަކުރެވެއެވެ.

84-ތިރީގައި މިވަނީ ލިޔުންތެރިކަމުގެ އެކި ދައުރުތަކުގައި ލިޔެފައިވާ ބައެއް ފޮތްތަކުގެ ނަންތަކާއި އެފޮތްތައް ލިޔުއްވި މުޞައްނިފުންނާއި އެފޮތްތަކުގެ ބާވަތެވެ.

ފޮތުގެ ނަން    މުޞައްނިފު    ފޮތުގެ ބާވަތް
ބޮޑު ތަރުތީބު     ޢަލީ އެދުރު ތަކުރުފާނު     ފިޤުހު ފޮތެއް
ތުޙުފަތުލް ވުލާތު     ޙާޖީ އެދުރު ކަލޭގެފާނު     ދުޢާތަކާއި ޒިކުރު
މިންޙަތުލް މަންނާން     ނާއިބުތުއްތު     ޞިއްޙަތާބެހޭ ފޮތެއް
ތަޤުވީމުއްލިސާނި     ނާއިބުތުއްތު    ބަހުގެ ޤަވާޢިދު
ސުއްކަތުރާ ޚަބަރު     ނާއިބުތުއްތު     ފެހެންދޫގައި ހުރިއިރު ތުއްތުއަށް ދިމާވި ދަތިޙާލުގެ ވާހަކަ
ސިއްކަމޮހަރީ     ނާއިބުތުއްތު     ފެހެންދޫގައި ހުރެ ރަދުންނަށް ސަނާކިޔާފައި ލިޔުނު ފޮތެއް
ބޮޑުތައުހީދު     އެދުރު ޢުމަރު މާފަތްކަލޭގެފާނު     ޤިޔާމަތްދުވަހާއި މަލާއިކަތުންނާއި މަޙްޝަރުގެ ވާހަކަ
އަރުމާދު ރައިވަރު     ބަނޑޭރި ޙަސަންމަނިކުފާނު     ރަދުން އަރިއަތޮޅަށް ކުރެއްވި ދަތުރުގެ ދަތުރުނާމާ
ދިޔޯގެ ރައިވަރު     ބަނޑޭރި ޙަސަންމަނިކުފާނު     ދެ ދިޔޯއެއްގެ ދެމެދުގައި ހިނގި ޚިޔާލީ ހަނގުރާމައެއްގެ ވާހަކަ
ނުޢުމާނު ވަމަރްޔަމް     ޙުސައިން ޞަލާޙުއްދީން     ލޯބީގެ ވާހަކައެއް
ސީރަތުއްނަބަވިއްޔާ     ޙުސައިން ޞަލާޙުއްދީން     ކީރިތި ރަސޫލާގެ ސީރަތު (ބައޮގްރަފީއެއް)
ދޮންބީފާނު ވާހަކަ     ޙުސައިން ޞަލާޙުއްދީން    ލޯބީގެ ވާހަކައެއް (ދެވަނަ ދިގުވާހަކަ)
ރިވާޔަތު މޫސާ ވަޒުލައިޚާ     އަޙްމަދު ކާމިލްދީދީ     ލޯބީގެ ވާހަކައެއް (ފުތަރަމަ ދިގުވާހަކަ)
ލޯބި އެންމެ ލޯބީ ކަރުނައިގެ ތެރޭގައި    މުޙައްމަދު އަމީން     ލޯބީގެ ވާހަކައެއް
ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި     މުޙައްމަދު އަމީން     ދެވަނަ ބޮޑު ހަނގުރާމައިގައި ރާއްޖެއަށް ކުރިމަތިވި ދަތިތައް
ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާ     މުޙައްމަދު އަމީން     ދިވެހިބަހުގެ ޤަވާޢިދު
ކަރުނަޔާ ނުލައި ކެއްކުން     މުޙައްމަދު އަމީން    ކާއެއްޗެހި ތައްޔާރުކުރާނެގޮތް (ރެސިޕީ ފޮތެއް)
ދިވެހިބޭސްވެރިކަމު އަތްގާތްކޮށްދިނުން     މުޙައްމަދު އަމީން     ދިވެހި ބޭސްވެރިކަމާބެހޭ ފޮތެއް
ތަޢުލީމުއްދިޔާނާ 1،2،3    މުޙައްމަދު ޖަމީލު     ދީނީ ފޮތެއް
ތިލަދުންމަތީ ދަތުރުގެ ހަނދާން     މުޙައްމަދު ޖަމީލު     ދަތުރުނާމާއެއް
ހާޖަރާގެ ހިތާމަ     މަލިން މޫސާ     ދިވެހި ބަހުން ފުރަތަމަ ލިޔުނު ކުރުވާހަކަ
ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ    މުޙައްމަދު އަމީން     އެންމެ ފުރަތަމަ ކުޅުނު ސްޓޭޖް ތަމްސީލް
ގިތެޔޮގުޅިން ނެގި ލޯބި     މުޙައްމަދު ޖަމީލް     ހެއްވާ މަޖާ ތަމްސީލެއް
ލަކުޑި ފޮތް     ނާއިބުތުއްތު     ރާއްޖޭގައި ހެދޭ ލަކުޑީގެ ބާވަތްތަކާއި ކެނޑުމަށް ބޭނުންކުރާ...

85-ތިރީގައި މިވަނީ ލިޔުންތެރިކަމުގެ އެކި ދައުރުތަކުގައި ބަހަށް ޚިދުމަތްކުރެއްވި ބައެއް އަދީބުންނާއި އެބޭފުޅުންގެ ތޚައްލުޞެވެ.
ނަން    ތޚައްލުޞު
ޙުސައިން ޞަލާޙުއްދީން     ފަތިހުގެ ތަރި
ބޮޑުފެންވަޅުގޭ ސީދީ     ޙިމާރުލްޤައުމު / މިރުޒާ ޝަކީބު
އަޙްމަދު ޝާކިރު     ޝާޢިރުލް މަޖުހޫލު
ޖަޢުފަރު ކަމާލުއްދީން     ހަސްތީ
ޢަބްދުﷲ ޖަލާލުއްދީން     ޝާޢިރުލްއުމޫމި
މުޙައްމަދު ޖަމީލް     އުޖާލާވި ރަންތަރި / އުސްތާޛުލްޖީލު
އިބްރާހީމް ޝިހާބު     ޝާއިރުއްޝަބާބު / ގުލްފާމް / ޘާގިބު
މުޙައްމަދު އަމީން     އޯކިޑު / ފިނިފެންމާ / އ.ގ.އ / މ.އ